ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ހުޅުވާލައިފިއެވެ. އިޤްތިޞާދީ ވުޒާރާގެ އިސްނެގުމުގެ މަތިން ބީސީސީން އިންތިޒާމްކުރާ މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، އުފެއްދުންތެރިކަން ކުރިއެރުވުމަށް ބާއްވާ ހަރަކާތެކެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އުމުރުން 21 އަހަރު ފުރިފައިވާ، ހުށަހަޅާ ދާއިރާއަކުން މަދުވެގެން 5 އަހަރުގެ އަމަލީ ތަޖުރިބާ ހުރި ދިވެހިންނަށެވެ. އަދި އެފަރާތަކީ މައުރަޒުގައި ވާދަކުރާ މީހަކަށް ވެގެންނުވާނެއެވެ. މީގެއިތުރުން، ވާދަކުރާ އެއްވެސް ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތަކަށްވެސް ވެގެންނުވާނެއެވެ. ފަނޑިޔާރުން ހޮވުމުގައި އެ ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި މިންވަރަށް އަދި ކުރިން މިފަދަ މައުރަޒުތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ މިންވަރަށް އިސްކަންދެވޭނެއެވެ.
މައުރަޒުގެ އުފެއްދުންތަކަށް އިންސާފުކުރުން އޮކްޓޫބަރު 1 އިން 23 އަށް ކުރިއަށްދާއިރު، ހޮވޭ ފަނޑިޔާރުންނަށް ސެޕްޓެންބަރު 15 އިން 30 އަށް ޓްރެއިނިންގް ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަނޑިޔާރުކަން ކުރާ މުއްދަތުގައި ޚާއްޞަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ.



