މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސްކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށާއި، އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކޮށްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީޑީސީއަށް ސަރުކާރުން ކުއްޔަށް ދީފައިވާ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި މި 3 ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްޤުތަކުގެ މިލްކުވެރި ފަރާތަކީ އެ ކުންފުނި ކަމަށް ވަނީ ހާމަކޮށްފައެވެ. އެ ކުންފުނީގެ މުދަލެއްގެ މިލްކުވެރިކަމުގެ ހައްޤު ނުވަތަ މަސްލަހަތު ސީދާކޮށް ނުވަތަ ނުސީދާކޮށް ގެއްލޭފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަޤީންކަން ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.
އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކުރަމުން އެ ކުންފުނިން ބުނީ، ކުރިމަގުގައިވެސް ޤާނޫނުތަކާއި ލިސްޓިން ރޫލްސްއާ އެއްގޮތަށް ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ރަސްމީކޮށް ހާމަކުރަމުންދާނެ ކަމަށެވެ.



