ހއ. އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުން 2،500 އަކަފޫޓުގެ ތިން ބިން ވިއްކުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
އުލިގަން ކައުންސިލުން އެންމެ ފުރަތަމަ މި ބިންތައް ވިއްކަން ހުޅުވާލީ މިދިޔަ އަހަރުގެ މޭ މަހުއެވެ. ނަމަވެސް އެ ފަހަރު އެއްވެސް ފަރާތަކުން ބިން ގަންނަން ހުށަހަޅާފައި ނުވާތީ، މިއަދު ވަނީ އަލުން ބީލަމަށް ހުޅުވާލައި އިއުލާނުކޮށްފައެވެ.
ބީލަން އުސޫލުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އާއި މެންދުރު 1:00 އާ ދެމެދު ކައުންސިލް އިދާރާއަށް ހާޒިރުވެ ރަޖިސްޓަރީވާންޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ މި މުއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
މި ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އުލިގަން ކައުންސިލް އިދާރާގައެވެ.



