އާދިއްތަ ދުވަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ވަރުގަދަ ހަމަލާތަކެއްގައި، މަދުވެގެން އާމުންގެ 28 މީހުން މަރުވެ، 49 މީހުން ޒަޚަމްވެފައިވާ ކަމަށް އދ އިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މިޝަން އުނަމާ އިން ހާމަކޮށްފިއެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ނަމަވެސް، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނާގޮތުގައި އާމުންގެ 36 މީހުން މަރުވެ، 160 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ތާލިބާނުން ވަނީ މިއީ އާމުންގެ ގެދޮރަށް އަމާޒުކޮށް ދިން ފިނޑި އަދި އަނިޔާވެރި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ، މިއީ ފަހަކަށް އައިސް ބައެއް ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކެއްގެ ރައްދުގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި ހަމަލާތަކުގައި 29 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނާގޮތުގައި އެޤައުމުން އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ ޕަކްތިއާ، ޕަކްތިކާ އަދި ކުނާރު ޕްރޮވިންސްގައި ތިބި ހަނގުރާމަވެރިންގެ މަރުކަޒުތަކަށެވެ.
މި ހަމަލާ ދީފައިވަނީ ކަރާޗީގައި ހުންނަ ޕާކިސްތާނުގެ ޕެރާމިލިޓަރީ ފޯސްގެ މަރުކަޒަކަށް އަފްޣާނިސްތާނުގެ ރައްޔިތަކު ހިމެނޭ ހަނގުރާމަވެރި ޖަމާއަތަކުން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ ސިފައިންގެ ތިން މީހުން މަރުވިތާ އެއްދުވަސް ފަހުންނެވެ.
ޕާކިސްތާނުން އަބަދުވެސް ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ އެޤައުމަށް ހަމަލާދޭ ޓެރަރިސްޓް ޖަމާއަތްތަކަށް ހިމާޔަތްދެމުންނެވެ. ނަމަވެސް ތާލިބާން ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ދެޤައުމުގެ ދެމެދުގައި މިދިޔަ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ފަހަކަށް އައިސް ބޯޑަރު ސަރަހައްދުގައި ދެމުންދާ ބަދަލު ހިފުމުގެ ހަމަލާތަކުގެ ސަބަބުން އެ އެއްބަސްވުން ވަނީ އުވިފައެވެ.




