އީރާނުން މިއަދުގެ ވަގުތެއްގައި ބަހްރައިނަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.
ބަހްރައިން ނިއުސް އެޖެންސީ (ބީއެންއޭ) އިން އެ ގައުމުގެ ހާރިޖީ ވުޒާރާގެ ބަޔާނަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ މި ހަމަލާއަކީ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެކެވެ. އަދި މިއީ މަދަނީ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުން މަނާކުރާ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުއާހަދާތަކާ ސާފުކޮށް ހިލާފު، ޖިނާއީ އަނިޔާވެރި އަމަލެއްގެ ގޮތުގައި ބަހްރައިނުން ވަނީ ސިފަކޮށްފައެވެ.
ބަހްރައިންގެ ހާރިޖިއްޔާއިން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރަމުން ބުނެފައިވަނީ، އީރާނުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ހަމަނުޖެހުންތައް ކުޑަކުރުމަށާއި ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުންދާ ކަމަށެވެ. މީގެ އިތުރުން ސަރަހައްދީ މަސްރަހު ހަލަބޮލިކޮށް، ހަމަޖެހުން ނަގާލުމުގެ ހުރިހާ ޒިންމާއެއް އީރާނުން އުފުލަންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބިރުދެއްކުމުގެ ތެރެއިން ސުލްހަ ބިނާނުކުރެވޭނެ ކަމަށާއި، އުދުވާނީ ގޮތްގޮތުން ސަލާމަތްތެރިކަން ހޯދައިނުގަނެވޭނެ ކަމަށް ބަހްރައިނުން ހާމަކުރެއެވެ. އަދި ކޮންމެ ނުރައްކަލަކަށްވުރެ އެ ގައުމުގެ އަޒުމް ވަރުގަދަ ކަމަށާއި، ގައުމީ އެއްބައިވަންތަކަން ބަލިކަށި ނުކުރެވޭނެ ކަމަށްވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. މި ހަމަލާއާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވާއިރު، މި ހަމަލާގެ ސަބަބުން ބަހްރައިނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.




