އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓް އިން، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނު ރައްޔިތުންނަށް މަރުގެ އަދަބު ދިނުމުގެ ބާރު ލިބިދޭ ހާއްސަ ޓްރައިބިއުނަލެއް އުފެއްދުމަށް ބިލެއް ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ކްނެސެޓުން މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 93 މެންބަރުންގެ އިއްތިފާގުންނެވެ. 120 މެންބަރުން ހިމެނޭ މި މަޖިލީހުގެ ބާކީ 27 މެންބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ބިލުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއްގެ ހައްގު ގެއްލި، މަރުގެ އަދަބު ދިނުން މާ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ބުނެފައެވެ.
އިޒްރޭލުގައި ހަރަކާތްތެރިވާ އަރަބި މައިނޯރިޓީ ހައްގުތަކަށް މަސައްކަތްކުރާ "އަދާލާ" ސެންޓަރުގެ ވަކީލު މުނާ ހައްދާދު އަލްޖަޒީރާއަށް ވިދާޅުވީ، މި ބިލަކީ ފަލަސްތީނު މީހުން ގަނޑުކޮށް ކުށްވެރިކުރުމަށްޓަކައި ގާނޫނީ ރައްކާތެރިކަން ގަސްތުގައި ކުޑަކޮށްފައިވާ ބިލެއް ކަމަށެވެ.
"މި ބިލުގެ ދަށުން، އާންމު ހެކީގެ އުސޫލުތަކާ ހިލާފަށް، މަޖުބޫރުކޮށްގެން ނުވަތަ އަނިޔާކޮށްގެން ހޯދާފައިވާ ހެކިތައް ބޭނުންކުރުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިދޭ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް،" މުނާ ހައްދާދު ވިދާޅުވިއެވެ.
މީގެ އިތުރުން، އިޒްރޭލުގެ އާންމު ކޯޓުތަކުގައި ކެމެރާ ބޭނުންކުރުން މަނާ ނަމަވެސް، މި ބިލުގެ ދަށުން ޝަރީއަތުގެ މުހިންމު ބައިތައް ވީޑިއޯކޮށް، ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް އާންމުކޮށް ދެއްކުން ލާޒިމުކުރެއެވެ.
މުނާ ހައްދާދު ސިފަކުރެއްވި ގޮތުގައި މިއީ ޝަރީއަތްތައް "ދެއްކުންތެރި ޝޯތަކަކަށް" ބަދަލުކޮށްލުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަމަލަކީ ކުށް ސާބިތުވުމުގެ ކުރިން އެމީހުންނަކީ ކުށްވެރިންގެ ގޮތުގައި ކަނޑައެޅުން ފަދަ ކަމެކެވެ.
އިޒްރޭލުން މިހާރުވެސް އޮކްޓޯބަރު 7 އާ ގުޅިގެން 200 އާއި 300 އާ ދެމެދުގެ އަދަދަކަށް ފަލަސްތީނު ރައްޔިތުން ދައުވާއަކާ ނުލައި ބަންދުކޮށްފައި އެބަތިއްބެވެ.
މި ބިލަކީ މިދިޔަ މާރިޗު މަހު ފާސްކުރި، އިޒްރޭލު މީހުން މަރާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނާ ވަކިން ފާސްކުރި ބިލެކެވެ. ކުރިން ފާސްކުރި ގާނޫނަކީ ކުރީގެ ހާދިސާތަކަށް ހިނގާ ގާނޫނަކަށް ނުވާތީ، އޮކްޓޫބަރު 7 ގެ ހާދިސާގައި ތުހުމަތުކުރެވޭ މީހުންނަށް އެ ގާނޫނުގެ ދަށުން އަދަބު ނުދެވޭނެއެވެ.
ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ މި އާ ގާނޫނަކީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތައް ފޮރުވުމަށް ބޭނުންކުރާ އައްޑަނައެއް ކަމަށެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 72,628 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
މި މައްސަލައިގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) ދަނީ އިޒްރޭލުގެ އަމަލުތައް ތަހުގީގު ކުރަމުންނެވެ. އެ ކޯޓުން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. މީގެ އިތުރުން، އިޒްރޭލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ހުށަހެޅިފައިވާ މައްސަލައެއްވެސް ދަނީ ކުރިއަށެވެ.
އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އޮކްޓޫބަރު 7 ގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ހޯދައިދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަންވާނީ އިންސާފުގެ އަސާސްތައް ދޫކޮށްނުލައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ނަމަވެސް މިހާރު ފާސްކޮށްފައިވާ ބިލުގެ ސަބަބުން އިޒްރޭލުގެ އަދުލު އިންސާފުގެ ނިޒާމާމެދު އޮތް އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމަށް އެ ޖަމާއަތްތަކުން ގަބޫލުކުރެއެވެ.




