ލިވަޕޫލްގެ ފުޓްބޯޅަ ކްލަބަށް މިދިޔަ ސީޒަންގައި ލިބުނު ބޮޑު ކާމިޔާބަށް ފަހު، އެ އުފާވެރިކަން ވޭންދެނިވި ހިތާމައަކަށް ބަދަލުވެއްޖެއެވެ.
މިދިޔަ ސީޒަނަށްފަހު ސްކޮޑް އިތުރަށް ވަރުގަދަކުރުމުގެ އުންމީދުގައި ކްލަބުން އިސާކް އާއި ވީޓްޒް ފަދަ ކުޅުންތެރިން ގަތުމަށް ބޮޑެތި ހޭދަތަކެއް ކްލަބުން ކުރިއެވެ.
ނަމަވެސް ޓީމަށް ގެނެވުނު އާ ކުޅުންތެރިންގެ ސަބަބުން ކުރިން ޓީމުގައި ހުރި ހަލުވިކަމާއި ، ޓީމް ކޮމްބިނޭޝަން ގެއްލި އުފެދުނީ އިތުރު ހާސްކަމެކެވެ. މި ސީޒަން ވެފައިވަނީ ލިވަޕޫލަށް މުޅިން ނާކާމިޔާބު ސީޒަނަކަށެވެ. ޓީމަށް އަނިޔާ އާއި ވަރުބަލިކަން ވަރަށް ބޮޑަށް ކުރިމަތިވެ، ޓީމު ސީޒަނުގެ މިހިސާބަށް އައިއިރު ވެފައިވަނީ އެންމެ ބަލިކަށި އެއް ޓީމަށެވެ.
ޚާއްސަކޮށް އުމުރުން ދުވަސްވެފައިވާ މިޑްފީލްޑާއި، ޑިފެންޑަރުންގެ ފަރާތުން މި ބަލިކަށިކަން ފެނިގެންދެއެވެ. ލިވަޕޫލް ޓީމުގެ ޓްރޭޑްމާކް ޕްރެސިންގ ނިޒާމު ފުނޑުފުނޑުވެ، ކުރިން ލިވަޕޫލްގެ ކާމިޔާބީގެ އެއް އަސާސަކަށް ވެފައިވާ ކުޅުމުގެ ސްޓައިލް ވަނީ މިބސީޒަނުގައި މުޅިން ގެއްލިފައެވެ.
ޕްރިމިއާ ލީގުގައި މަދު ޕޮއިންޓަކާއި އެކު ލިވަޕޫލް މިހާރު އޮތްއިރު، ޗެމްޕިއަންކަން ހޯދުމުގެ އުންމީދުތައް ވަނީ އެއްކޮށް ގެއްލިފައެވެ.
މިގޮތުން ޓީމު މިހާތަނަށް އެތައް މެޗަކުން ބަލިވެ، ގޭމް ވީކް 6 ގައި އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުންވެސް ވަނީ ބަލިވެފައެވެ.
މީގެއިތުރުން ކްރިސްޓަލް ޕެލަސް އަތުން ނާކާމިޔާބުވުމާއި، މިމަހު 26 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީއެސްވީ އައިންޑްހޯވެން އަތުން ބަލިވުން ހިމެނެއެވެ.
މި ސީޒަނުގައި ކުޅުނު ޖުމްލަ 12 މެޗުގެތެރެއިން އަށް މެޗުން ލިވަޕޫލް ބަލިވުމާއެކު، ލިވަޕޫލްގެ ސަޕޯޓަރުންގެ މާޔޫސްކަން ވަނީ ވަރަށް ބޮޑުވެފައެވެ.
މިހެންވުމުގެ ސަބަބުން ލީގުގައިވެސް ލިވަޕޫލްގެ ބަލިކަށިކަމުގެ ބޭނުން ވާދަވެރި ޓީމުތަކުން ވަނީ ވަރަށް ރަނގަޅަށް ހިފައިފައެވެ. އެ ޓީމުތަކުން ވިސްނުންތެރިކަމާއެކު ބާރުގަދަކޮށް، ލިވަޕޫލްގެ ބަލިކަށި ޓްރާންސިޝަންތަކުގެ ބޭނުން ހިފިއެވެ. އެކަމުގެ ސަބަބުން ޓީމަށް ޕްރެޝަރު އިތުރުވެ، ކޮންމެ ހަފްތާއަކު ޓެކްޓިކްސް ބަދަލުކުރަން ޖެހުމުގެ ސަބަބުން، ކުރިން ޓީމު ތަމްސީލުކުރި އިތުބާރު މުޅިން ގެއްލިގެން ދިޔައީއެވެ.







1 ކޮމެންޓު
ކެރެދި، މަހުވެއި ލިވަޕޫލް ތަށިނަގާނެއި