މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީޕީއައި) އާންމުކޮށްފިއެވެ.
މި އިންޑެކްސްއިން ދައްކާގޮތުގައި ގިނަ ދާއިރާތަކުގައި އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސްއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި އިންޑެކްސްގައި އަގުތައް ބަލަނީ ޓެކްސް ހިމަނައިގެން ނަމަވެސް ސަބްސިޑީ ނުހިމަނައެވެ.
އާންމުކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔުޓިލިޓީ ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 5.32 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ފަހު ކުއަރޓަރ އާއި މިއަހަރުގެ ފުރަތަމަ ކުއަރޓަރ އާއި އަޅާބަލާއިރު 0.95 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.
ޔޫޓިލިޓީ ދާއިރާގެ ތެރެއިގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ކަރަންޓުގެ އަގުތަކަށެވެ. މި ދާއިރާގައި މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 6.68 އިންސައްތަ އަދި ކުއާޓަރލީ 1.03 އިންސައްތަ ވަނީ މައްޗަށްގޮސްފައެވެ.
ރިސޯޓު ދާއިރާއަށް ބަލާއިރު، މިއަހަރުގެ މާރިޗުމަހުގެ އަގު ފެބްރުއަރީ މަހާއި އަޅާބަލާއިރު 1.54 އިންސައްތައިގެ ދަށްވުމެއް އައި ނަމަވެސް، ކުއާޓަރލީ 15.2 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ އައިސްފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ މި އިންޑެކްސްއަކީ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންތެރި މުހިންމު ވަ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރީގެ ޙާލަތު، އެ ސިނާއަތެއްގެ އާންމު ޙާލަތާ އަޅާކިޔުމަށްވެސް މި އިންޑެކްސް ބޭނުންކުރެވޭނެ ކަމަށް ބިއުރޯއިން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން