ގިނަ ދުވަސްތަކަކަށްފަހު ޔަމަނުގެ ދާޚިލީ ހަނގުރާމަ އަލުން ފެށި، ހޫޘީން ކުރިއަރަން ފެށުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ގެދޮރާއި މުދާ ދޫކޮށް ފިލަން މަޖުބޫރުވެފައެވެ. އދ. ގެ ހިޖުރަކުރުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ފާއިތުވި ދެ ހަފުތާގައި 112،000 އަށްވުރެ ގިނަ މީހުން ޔަމަނުގެ އެތެރޭގައި ހާލުގައި ޖެހިފައިވާއިރު، ގާތްގަނޑަކަށް 3،000 އެއްހާ މީހުން ވަނީ ކަނޑުމަގުން ޖިބޫޓީއަށް ހިޖުރަކޮށްފައެވެ.
އީރާނުގެ ތާއީދު އޮންނަ ހޫޘީންނާއި ސައުދީ އިސްވެ އޮންނަ އިއްތިހާދުގެ އެހީ ލިބޭ ސަރުކާރުގެ ފައުޖުތަކާ ދެމެދު 2022 ވަނަ އަހަރު ހެދި އެއްބަސްވުމަށްފަހު މައިތިރިވެފައި އޮތް ހަނގުރާމަ، ސަރަހައްދީ ނުތަނަވަސްކަމާއެކު އަލުން ފެށިއްޖެއެވެ. އަދި ހޫޘީން މޮޚާ އާއި ރަތްކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހިފުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން ރައްކާތެރި ތަންތަނަށް ހިޖުރަކުރަން ފަށައިފިއެވެ.
ތާއިޒްގެ އަލް-ކަދްހާ ކޭމްޕުގައި އުޅެނިކޮށް އަލުން ހާލުގައި ޖެހުނު އާންމުން ކިޔައިދިން ގޮތުގައި، ކޭމްޕު ކައިރިއަށް ބޮންއަޅަން ފެށުމުން އަސާސީ އެއްވެސް އެއްޗެއް އަދި ފައިވާނަށްވެސް ނާރައި އެމީހުންނަށް ޖެހުނީ ފިލާށެވެ. މި ހަމަލާތަކުގެ ސަބަބުން ދަރިންނާ ވަކިވެ، ކާބޯތަކެއްޗާއި ފެން އަދި ނިދާނެ ތަންމައްޗެއް ނެތި އާންމުން ވަނީ ވަރަށް ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައެވެ.
މޮޚާއިން ފިލައިގެން އަދަންގެ އަލްފިރުދައުސް ކޭމްޕަށް ދިޔަ އާންމުން ދިރިއުޅެމުންދަނީ ވެލިގަނޑު މަތީގައި، ވަރަށް ދަތި ހާލުގައެވެ. ގެދޮރާއި ގެންގުޅުނު ޖަނަވާރުތަކާއި މުދާތައް ދޫކޮށްލަން ޖެހުމުގެ ސަބަބުން މިހާރު އެމީހުންގެ ދިރިއުޅުން ބަރޯސާވެފައިވަނީ ހަމައެކަނި އެހީދޭ ޖަމާއަތްތަކުން ފޯރުކޮށްދޭ ކާބޯތަކެއްޗާއި ފެނުގެ މައްޗަށެވެ.
ޔަމަނުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަ ދަނީ އިތުރަށް ވަރުގަދަވަމުންނެވެ. ހޫޘީން ޑްރޯނާއި ބެލިސްޓިކް މިސައިލް ބޭނުންކުރަމުންދާއިރު، ސައުދީން ދަނީ ހޫޘީންގެ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. އަދި މި ހަމަނުޖެހުންތައް އަވަހަށް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެއެވެ.
މި ލިޔުން ކިޔާލުމުން



