މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން އިސްލާމީ އުންމަތް ތަރުބިއްޔަތު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު ދަންނަވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓްރޭޓް އެރުވުމަށް އައިއައިޔޫއެމްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ ކެ ކޮންސްޓިޓިއުޝަނަލް ހެޑް ޓުންކޫ އަޒީޒާ އައިމިނާ ވަނީ ރައީސަށް ޑޮކްޓަރ އޮފް ފިލޯސަފީގެ އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިން އޮނަރަރީ ޑޮކްޓްރޭޓް އަރުވާފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އައިއައިޔޫއެމްއިން ދިވެއްސަކަށް އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފެވެ. އަދި މިއީ ރާއްޖޭގެ ރައީސަކަށް ވެސް އެރުވި މިފަދަ ފުރަތަމަ ޝަރަފެވެ.
ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އޮނަރަރީ ޑޮކްޓްރޭޓް ޤަބޫލުކުރައްވަނީ ވަރަށް ޝުކުރުވެރިކަމާއެކު ކަމަށެވެ. އަދި މި ޝަރަފަކީ އިސްލާމީ ތަހުޒީބުގެ ބައިނަލްއަޤްވާމީ އަދި ތަރައްޤީވެފައިވާ ތަރިކަ ކުރިއެރުވުމުގެ އަގު ވަޒަންކުރުން ކަމުގައި ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ތަޤުރީރުގައި އިސްލާމީ އުންމަތް ތަރުބިއްޔަތު ކުރުމަށް އައިއައިޔޫއެމްއިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި، އެ ޔުނިވަރސިޓީއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ. "އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމީ އުންމަތުގެ ފަޚުރުވެރި ޖީލުތައް ތަރުބިއްޔަތު ކުރުމުގައި ޔުނިވަރސިޓީން ކުރަމުން ގެންދާ ސާބިތު މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އައިއައިޔޫއެމްއަކީ ދިވެހި ދަރިވަރުންނާ ގާތް ގުޅުމެއް އޮންނަ ޔުނިވަރސިޓީއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ހުންނަ އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުރިއެރުމަށް އައިއައިޔޫއެމްގެ ދައުރު ވަރަށް ފުރިހަމައަށް އަދާކުރެވިދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން