މ.ރަތްމަންދޫ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ އެ އޮތޯރިޓީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، މ. ރަތްމަންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 4.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިވަނީ 22 މާރިޗު 2025 ގައެވެ.

މި އިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެފަދަ ގޮތަކަށެވެ. މިގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބުރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ތިއްބަވާ ބޭފުޅުންނަށް ވަކިވަކި ކެބިން ހާއްސަ ކުރެވިފައިވެއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަ ފާހާނާ މި އިމާރާތުގައި ހިމެނިފައިވާނެ ކަމަށް އެލްޖީއޭއިން މައުލޫމާތުދެއެވެ.
މ.ރަތްމަންދޫ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެކެވެ. އައު ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ހިދުމަތް ދެވޭނެ ކަމަށް ވެސް އެލްޖީއޭއިން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން