Saturday, October 31
ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި

18 އެޕްރީލް 2025 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮތްވައި ފެނިފައިވާ މައްސަލާގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަޙްމަދު ޛިލާލް ރާއްޖެއިން ފުރާފައިވާ ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

މިގޮތުން ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށާއި، ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރައުދުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

މިގޮތުން ޕީޖީން ރައުދުގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީން ބުނީ ރައުދަށް ދައުވާކުރަން އެދިފައިވަނީ އޭނާ، އެޕްރީލް 18 ވަނަ ދުވަހުގެ 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީން ބުނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމުގެ މާނައަކީ އޭނާ ކުށްވެރިވުމެއް ނޫން ކަމަށާއި، ދަޢުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލައި، ދަޢުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު