ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އެމްބިއުލާންސްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ، ލުބުނާނުގެ ދެކުނުގައި ބޭނުންކުރާ އެމްބިއުލާންސްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.
އިޒްރޭލު ސިފައިން މި އިންޒާރުދީފައި މިވަނީ ލުބުނާނުގައި ހުންނަ އދ.ގެ އިންތިގާލީ ފޯސް (ޔުނިފިލް) ގެ ހެޑްކުއާޓަރ އަކަށް އިޒްރޭލު ސިފައިން ހަމަލާދީ އެތަނުގައި ސުލްހަ ބަލަހައްޓަމުންދިޔަ ދެ ސިފައިންނަށް އަނިޔާވެފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދުރައި ވަނީ ހިޒްބުالله ޖަމާއަތުން ހަނގުރާމަވެރިންނާއި ހަތިޔާރު އުފުލުމަށް އެމްބިއުލާންސް ބޭނުން ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް މި ކަމުގެ އެއްވެސް ހެއްކެއް އޭނާ ނުދެއްވައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގެ 23 އަވަށެއްގެ ރައްޔިތުން އަވާލީ ކޯރުގެ އުތުރުގެ ސަރަހައްދުތަކަށް ދިޔުމަށް ވެސް އަންގާފައެވެ.
މިދިޔަ ހުކުރު ދުވަހު ލުބްނާނުގެ ދެކުނުގައި ހުންނަ ޔޫއެންގެ ވޮޗްޓަވަރު ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި އދ. ގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ޒަޚަމްވިއެވެ. ޔުނިފިލް އިން ހޮނިހިރު ދުވަހު ބުނީ މި ހަމަލާގެ އިތުރުން އެ ދުވަހު އެހެން ޓަވަރެއްގައި ސުލްހަ ބަލަހައްޓަމުންދިޔަ މީހަކަށްވެސް ބަޑީގެ ހަމަލާއެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން