ގދ. ފަރެސްމާތޮޑާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ މީހާއަށް އިހުމާލުވި އޭނާގެ ދަރިންގެ މައްސަލަ ބަލަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވޭތޯ ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖެންޑާ މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.
އުމުރުން 70 އަހަރުން މަތީގެ މި ފިރިހެން މީހާ އެތައް އަހަރެއް ވަންދެން އެކަނިވެރި ހާލުގައި އުޅެނިކޮށް ދާދިފަހުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ރަށުގެ ރައްޔިތުން ބުނާ ގޮތުގައި ބޮޑެތިވެފައި ތިބި ދެ ދަރިން ތިބި ނަމަވެސް އެ މީހުންގެ ފަރާތުން ބައްޕައަށް އެއްވެސް އަޅާލުމެއް ލިބިފައެއް ނުވެއެވެ. މެންބަރު ކުޑޫ ޖެންޑާ މިނިސްޓަރ ގީލާ އަލީއަށް ފޮނުއްވި ސިޓީގައި ވަނީ، އާއިލާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މައިންބަފައިންނަށް އަޅާނުލާ ދަރިންނާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކާމެދު ސުވާލު އުފައްދަވާފައެވެ.
މީގެއިތުރުން، ކ. ގުރައިދޫ މަރުކަޒުގައި ޖާގަ ނެތިގެން އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން ދެ އަހަރަށް ވުރެ ދިގުލައިގެން ދިއުމަކީ ދައުލަތުގެ އިހުމާލެއްގެ ގޮތުގައި މެންބަރު ފާހަގަކުރައްވައި، އެފަދަ މަރުކަޒުތަކުގެ ޖާގަ އިތުރުކުރަން ކުރެވުނު މަސައްކަތުގެ ތަފްސީލަށްވެސް އެދިވަޑައިގެންފައެވެ. އަދި ޖާގަ ނުލިބޭ ހާލަތްތަކުގައި ރަށު ފެންވަރުގައި ވަގުތީ އެހީތެރިއަކު ހަމަޖައްސައިދޭނެ އިންތިޒާމެއް ނެތީ ކީއްވެތޯއާއި، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ދޭނެ ދާއިމީ ޤައުމީ ނިޒާމެއް އެކުލަވާލުން ލަސްވާ ސަބަބާމެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އޭނާގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެދިފައިވަނީ އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެންނެވެ. މީގެކުރިން އޭނާގެ ޒަރޫރީ ކަންކަން ބަލަހައްޓަމުން އައީވެސް އެ ދެ މުއައްސަސާއިންނެވެ.
މި ލިޔުން ކިޔާލުމުން



