Monday, November 2
ދިއްލީގައި އޮކްސިޖަން ސިލިންޑަރެއް ގޮވައި އެކަކު މަރުވެ، 4 މީހަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އިންޑަސްޓްރިއަލް އޮކްސިޖަން ސިލިންޑަރު ޑިސްޓްރިބިއުޓްކުރާ ގުދަނެއްގެ ކައިރީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި، އޮކްސިޖަން ސިލިންޑަރެއް ގޮވައިގެން އެކަކު މަރުވެ، އިތުރު ހަތަރު މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

މިއަދު ހެނދުނު 10:45 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އެ ކުންފުނީގައި ހެލްޕަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޖައިޕޫރަށް ނިސްބަތްވާ މޯހިތު ސިންގް (35އ) އެވެ. އޭނާ މަރުވީ ސިލިންޑަރު ގޮވި ވަގުތު ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ހާދިސާ ހިނގި ތަނުގައެވެ.

ފުލުހުންގެ ތަހުގީގުން މައުލޫމާތު ލިބޭގޮތުގައި، މި ގޮވުން ގޮވާފައިވަނީ ވެހިކަލަކުން ގުދަނަށް ސިލިންޑަރުތައް ބާލަން އުޅުމުގެ ތެރޭގައި ސިލިންޑަރެއް ކަހާލައިގެން މަގުމައްޗަށް ވެއްޓިގެންނެވެ. މި ހާދިސާގައި އަނިޔާވި އުމޭޝް، އަރްވިންދް، މަނޯޖް އަދި ޕަންކަޖް އަށް ދަނީ އެއިމްސް ޓްރޯމާ ސެންޓަރުގައި އަވަސް ފަރުވާ ދެމުންނެވެ.

ސިލިންޑަރު ގޮވަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި، ފޮރެންސިކް އަދި ޓެކްނިކަލް މާހިރުން މެދުވެރިކޮށް ހާދިސާ ހިނގި ސަރަހައްދާއި ވެހިކަލް ތަހުލީލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު