ޣައްޒާ އާއި ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ގޮވާލައްވައިފިއެވެ.
ދާދިފަހުން ލުބުނާނުގެ ދެކުނުގެ އަވަށުގައި ތިބި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތައް ކުށްވެރިކުރައްވައި، އެއީ ބަލައިނުގަނެވޭނެ ހަމަލާތަކެއް ކަމަށް މެކްރޯން ސިފަ ކުރެއްވިއެވެ.
ފާއިތުވި ހަފްތާގައި ލުބުނާނުގެ ބޯޑަރު އަވަށެއް ކަމަށްވާ ނަކުއުރާގައި ހުންނަ އދ.ގެ އިންޓަރިމް ފޯސް (ޔުނިފިލް) ގެ ހެޑްކުއާޓަރަށް އިޒްރޭލުގެ ޓޭންކަކުން ދިން ހަމަލާއެއްގައި އެ ތަނުގައި ސުލްހަ ބަލަހައްޓަމުންދިޔަ ދެ ސިފައިންނަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އެގައުމުގެ ސިފައިން އެ ތަނަށް ހަމަލާދިނީ ދިމާވި ނުރައްކަލެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފްރާންސްގެ ރައީސް މެކްރޮން ބުނީ އެ ހަމަލާއަކީ ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ.
ހުކުރު ދުވަހު ސައިޕްރަސްގައި ބޭއްވި ޔޫރަޕްގެ ލީޑަރުންގެ ސަމިޓަށް ފަހު މެކްރޮން ވިދާޅުވީ، އިޒްރޭލުގެ އަސްކަރިއްޔާއިން ޔޫއެންގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު ފެނުމަކީ އެއްވެސް ގޮތެއްގައި ބަލައިނުގަނެވޭނެ ކަމެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ތަކުރާރުވަމުންދާކަށް ގަބޫލެއް ނުކުރާނެކަމަށް މެކްރޮން ވިދާޅުވިއެވެ.
މެކްރޮން ވިދާޅުވީ ޣައްޒާއާއި ލުބުނާނުގައި އިޒްރޭލުން ބޭނުންކުރާ ހަތިޔާރުތައް އިޒްރޭލަށް ވިއްކުން ހުއްޓާލުމަކީ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް މެކްރޮން ވަނީ އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. މިގޮތުން، މިދިޔަ ހޮނިހިރު ދުވަހު ފްރާންސްގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް "ސިޔާސީ ހައްލެއް" ހޯދުމަށް ވަކާލާތު ކުރައްވައި ހުޅަނގުގެ ގައުމުތަކުން "ޣައްޒާގައި ހަނގުރާމަ ކުރުމަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭ" ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން