އެސްޓަން ވިލާގެ މައްޗަށް 2-1 އިން ކުރިހޯދައި، ޕީއެސްޖީ އިން ޔޫއެފާ ސުޕަ ކަޕްގެ ތަށި ދިފާއުކޮށްފިއެވެ. އޮސްޓްރިއާގެ ސަލްޒްބާގްގައި ކުޅުނު މި މެޗުން ހޯދި ކާމިޔާބީއާއެކު ޕީއެސްޖީ ވެފައިވަނީ ވިދިވިދިގެން ދެ އަހަރު މި ތަށި ކާމިޔާބުކުރި ހަތަރުވަނަ ކްލަބަށެވެ. މީގެ ކުރިން ވިދިވިދިގެން މި ތަށި ހޯދާފައިވާ ޓީމުތަކަކީ އަޔެކްސް، އޭސީ މިލާން އަދި ރެއާލް މެޑްރިޑެވެ.
މި މެޗު ޕީއެސްޖީން ފެށީ ވަރުގަދަކޮށެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވިޗާ ކަވަރަޓްސްކޭލިއާ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ޖޯން މެގިން ނަގައިދިން ހުރަހަކުން އެސްޓަން ވިލާގެ އުމުރުން 17 އަހަރުގެ ބްރަޔަން މާޖޯ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއާއެކު މާޖޯ ވެގެންގޮސްފައިވަނީ ސުޕަ ކަޕްގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ޕީއެސްޖީއަށް މެޗުގެ ކާމިޔާބީ ކަށަވަރުވެގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައި ޑެޒިރޭ ޑުއޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވުނީ މެޗު އިންސާފުކުރި ރެފްރީންގެ ޓީމެވެ. މެޗުގެ ރެފްރީކަން ކުރީ ވޯލްޑް ކަޕަށް ދިއުމަށް އެމެރިކާއިން ވިސާ ދިނުމަށްފަހު އެ ގައުމަށް ދިއުމުން ޑީޕޯޓްކޮށްލި ސޮމާލިއާގެ ރެފްރީ އުމަރު އާތަން އެވެ. އޭނާ ވެފައިވަނީ ޔޫއެފާގެ ފައިނަލް މެޗު ކެޓަގަރީގެ މެޗެއްގައި ރެފްރީކަން ކުރި ޔޫރަޕުން ބޭރުގެ ފުރަތަމަ ރެފްރީ އަށެވެ.
މި މެޗުގައި އުމަރު އާތަންއަށް އެހީވުމަށް ދެ ފަރާތު ރޮނގު ބެލެހެއްޓީ އެފްރިކާ ބައްރުގެ ދެ އެސިސްޓެންޓް ރެފްރީންނެވެ. އެއީ ޖިބޫތީގެ ލިބާން އަބްދުލްރައްޒާގް އަހުމަދު އަދި ކެންޔާގެ ސްޓީފެން އެލީޒަރު އޮންޔަންގޯ ޔިއެމްބޭ އެވެ.



