މިއަހަރުގެ މެއި އަދި ޖޫން މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ، އެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ދޫކުރަން ވަނީ ފަށާފައެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ހާމަކުރެއްވި ގޮތުގައި، ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ދޫކުރަމުންދާއިރު، އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އާ ދެމެދު ސެޓްފިކެޓް ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ސެޓްފިކެޓް ބަލައިދާއިރު އައިޑީ ކާޑު ގެންދަންޖެހޭއިރު، ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ބަލައިދާ މީހާގެ އައިޑީ ކާޑު ގެންދަންޖެހެއެވެ.
2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި/ޖޫން އިމްތިހާނު އަމިއްލަ ގޮތުން ބައިވެރިވާ ކެންޑިޑޭޓުންނަށް އަލުން ބޭއްވުމަށް ތައުލީމީ ވުޒާރާއިން ނިންމެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ފުރުސަތުގެ ދަށުން ޖުމްލަ 1،229 ދަރިވަރަކު އިމްތިހާނު ހަދާފައިވާއިރު، އޭގެ ތެރޭގައި މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި، އައްޑޫ ހިތަދޫއިން ބައިވެރިވި 147 ދަރިވަރުންގެ އިތުރުން ފުވައްމުލަކުން ބައިވެރިވި 27 ދަރިވަރުން ހިމެނެއެވެ. އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މެއި/ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހު ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.



