މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައެއްގެ ތަޙުޤީޤަށް ހިފެހެއްޓި ރިއާ ޗަކްރަބޯތީގެ ޕާސްޕޯޓު ދޫކޮށްލަން ބޮމްބޭ ހައި ކޯޓުން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް އަންގައިފިއެވެ.
ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ރިއާގެ ނިޔަތާމެދު ޝައްކު އުފެދޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ އޭނާގެ ޕާސްޕޯޓު ދޫކުރުމަށް އަންގައިފައެވެ. ނަމަވެސް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ޝަރުތުތަކަކާއެކު އެވެ. މިގޮތުން އަޑުއެހުމެއް ބާއްވާ ކޯޓުން ހުއްދަ ދީފައި ނުވާހާ ހިނދެއްގައި ހުރިހާ އަޑުއެހުމަކަށްވެސް ހާޒިރުވާން ޖެހޭނެ ކަމަށާއި، ދަތުރުކުރާނަމަ ފުރުމުގެ މަދުވެގެން ހަތަރު ދުވަސް ކުރިން ފްލައިޓާއި ހޮޓަލްގެ ތަފްޞީލް ހިމެނޭހެން ދަތުރުގެ ތާވަލު ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ތަޙުޤީޤީ އިދާރާތަކަށް ފޯނު ނަންބަރު ހިއްސާކުރުމަށާއި، ފޯނު އެކްޓިވް ބޭއްވުމުގެ އިތުރުން ބޭރު ޤައުމަކަށް ދަތުރުކުރާނަމަ އެނބުރި އައުމަށްފަހު ވަގުތުން އެކަން އެންގުމަށްވެސް ކޯޓުން ވަނީ ޝަރުތުކޮށްފައެވެ.
ރިއާގެ ޕާސްޕޯޓު އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ ސުޝާންތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގް މައްސަލައާ ގުޅިގެން 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު ރިއާ ދޫކޮށްލާފައިވަނީ އޭނާގެ ޕާސްޕޯޓު އެންސީބީއަށް ހުށަހެޅުމުންނެވެ.
ނަމަވެސް ބޭރު ޤައުމުތަކުގައި މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތުތަކަށް މިކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށް ބުނެ ރިއާގެ ފަރާތުން އޭނާގެ ވަކީލު ވަނީ ރިއާގެ ޕާސްޕޯޓު ދޫކުރުމަށް އެދި މި ފަހުން ކޯތަށް ހުށަހަޅައިފައެވެ.







