Thursday, October 29
ބިޔޯން އަގެއިން ޝޯ ކެންސަލްވުމުން ބޮޑު މާޔޫސްކަމެއް

އޮސްޓްރޭލިއާގެ މަޝްހޫރު ބިޔޯން އަގެއިން ބޭންޑުން މާލޭގައި ބޭއްވުމަށް ތައްޔާރުވި މިއުޒިކް ޝޯ ކެންސަލްވުމާ ގުޅިގެން، އިވެންޓް އިންތިޒާމުކުރި އުބާ އިވެންޓްސް އާއި ޔޫތު، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ، ސަރުކާރުން އެދިފައިވަނީ ޝޯ ކެންސަލްކުރުމަށް ނޫން ކަމަށާއި، އެހެން ތަނަކަށް ޝޯ ބަދަލުކޮށްދިނުމަށް ކަމަށެވެ. ތަން ބަދަލުކުރަން އެދެންޖެހުނު ސަބަބަކީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލާއި ސްޓޭޖުގެ ފުރާޅު ހިމެނޭހެން ވަގުތުން ކުރަންޖެހޭ ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ޝޯ އެހެން ތަނަކަށް ބަދަލުކުރުމުގެ ކަންކަމުގައި މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތަށް ދީފައިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އުބާ އިވެންޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވި ޝޯ ކެންސަލްކުރަން ޖެހުނީ، ސްޓޭޖު ހެދުމުގެ އަމަލީ މަސައްކަތްތައް ހިނގަމުންދަނިކޮށް ސަރުކާރުން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރު ދޫކުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރުމުން ކަމަށެވެ. މިއީ ބޭންޑުގެ ބައިވެރިން ރާއްޖެއަށް ދަތުރުކުރަމުންދަނިކޮށް އެންމެ ފަހު ވަގުތު ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އިންތިޒާމުކުރާ ފަރާތަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބި، ޓިކެޓު ގަތް ފަރާތްތަކާއި ސްޕޮންސަރުންގެ އިތުރުން ޝޯގައި ބައިވެރިވާ ދިވެހި ފަންނާނުންނަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ޓިކެޓު ގަނެފައިވާ އެންމެންނަށް ފައިސާ އަނބުރާ ރީފަންޑުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދީފައިވެއެވެ.

މި މައްސަލައިގައި ދެކެވޭ ވާހަކަތަކުގެ ތެރެއިން، ސަރުކާރުން ތަނުގެ ރައްކާތެރިކަމަށްޓަކައި މަރާމާތަށް އެދިފައިވާކަމަށް ބުނާއިރު، އިންތިޒާމުކުރި ފަރާތުން ބުނަނީ އެއީ އެންމެ ފަހު ވަގުތު އެކަށީގެންވާ ވަގުތު ނުދީ ނިންމި ނިންމުމެއް ކަމަށެވެ.

1988 ވަނަ އަހަރު އުފެދުނު "ބިޔޯން އަގެއިން" އަކީ މަޝްހޫރު އަބާ އިން އިންސްޕަޔާވެގެން އުފައްދާފައިވާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާފޯމްކުރަމުންދާ އޮސްޓްރޭލިއާގެ ޓްރިބިއުޓް ބޭންޑެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު