އީރާނާއެކު އެމެރިކާ ސޮއިކޮށްފައިވާ އެމްއޯޔޫގައިވާ ޝަރުތުތައް އެމެރިކާއިން ފުރިހަމަކުރަންދެން ހޮރުމުޒު ކަނޑުއޮޅި ނުހުޅުވާނެ ކަމަށާއި، ނިއުކްލިޔާ މައްސަލައިގައި އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި ބޮން އެޅުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކޮށްގެން އީރާނުގެ ކިބައިން އެމެރިކާއަށް އެއްވެސް ކަމެއް ހާސިލެއް ނުވާނެއެވެ.
ހޮރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އީރާނާއި އޮމާންއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާ ބައިވެރިކުރުމަށް އީރާނުން ވަނީ ސަރީހަކޮށް ދެކޮޅު ހަދާފައެވެ. އީރާނުން ދެކޭގޮތުގައި އެމެރިކާއަކީ އެ ސަރަހައްދުގެ ކަންކަމަށް ނުފޫޒު ފޯރުވައި އަތްގަދަކުރަން މަސައްކަތްކުރާ ބޭރުގެ ބާރެކެވެ. މި މަޝްވަރާތަކުގައި ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުން ފީ ނެގުމާ މެދު އީރާނާއި އޮމާންއާ ދެމެދު ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގެ އެހެނިހެން މުހިންމު ކަންކަމުގައި ދެ ޤައުމުން ވަނީ އެންމެ ފަހުގެ މަރުހަލާއާ ހަމައަށް ވާސިލުވެފައެވެ.
މި ސަރަހައްދުގެ މަޝްރަހު ނުތަނަވަސްވެފައިވާއިރު، އީރާނުގެ ހުއްދަނެތި ހޮރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އީރާނުން ދަނީ ހަމަލާދެމުންނެވެ. އެންމެ ފަހުން ޔޫއޭއީގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާއަށް އެމެރިކާއިން އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. މިއީ މީގެ ކުރިން އެމެރިކާއިން އަމަލުކުރަމުން އައި އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އެމެރިކާގެ އަސްކަރީ އިސްވެރިޔާ ޖެނެރަލް ޑާންކެއިން ވަނީ އީރާނަށް ވައިގެ ހަމަލާ ދީގެން ނުވަތަ އެއްގަމު މަގުން ސިފައިން ފޮނުވައިގެން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް ޓްރަމްޕްގެ މުސްތަޝާރުންނަށް ލަފާދެއްވާފައެވެ. މިކަމާ ގުޅިގެން، އީރާނަށް ސީދާ ހަމަލާދިނުމުގެ ބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެމެރިކާއިން އިސްކަންދޭނެ ކަމުގެ އިޝާރާތެއް ރައީސް ޓްރަމްޕް ވަނީ ދެއްވާފައެވެ.



