އިބްރާހީމް ވިސާން (ކަނޑި) ގެ އައު ސީރީޒް "ބަރުދާސްތު" ގެ ފުރަތަމަ ޕޯސްޓަރު މިއަދު އާންމު ކޮށްފިއެވެ.
މި ސީރީޒްގައި ދިގު މުއްދަތަކަށްފަހު ފިލްމީ ދާއިރާއަށް އެނބުރި އައިސްފައިވާ އާމިނަތު ނޫރާ މައިގަނޑު ދައުރެއް އަދާކުރާނެއެވެ.
މީޑިއާނެޓަށް ޚާއްޞަކޮށް އުފައްދާ މި ސީރީޒްގެ ޕޯސްޓަރުން ދައްކައިދޭ ގޮތުގައި، މިއީ އަންހެނަކަށް ކުރިމަތިވާ އަނިޔާތަކުގެ ވާހަކަ ހިމެނޭ ސްކްރިޕްޓެއްކެވެ. އަދި މި ސީރީޒްގައި ނޫރާގެ ތަފާތު އެކްޓިންގއެއް ފެނިގެންދާނެކަން ޕޯސްޓަރުން ހާމަވެއެވެ. "ބަރުދާސްތު" މީޑިއާނެޓަށް ވަރަށް އަވަހަށް ގެނައުމަށް ނިންމާފައިވީ ނަމަވެސް، ސީރީޒް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެއެވެ.
މީޑިއާނެޓާއި އެއްކާފު ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މި ސީރީޒްގެ ސްކްރީންޕްލޭ ލިޔެފައިވަނީ "ހިންތާ" އަދި "ގަރީނާ" ސީރީޒް ލިޔުނު އަހުމަދު ޒަރީރެވެ. ކަނޑިއަކީ ކުރިން ވެސް ޒަރީރުގެ ސްކްރިޕްޓަށް "މަރްޔަމް" ފިލްމު ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ "ރޮބޯމޭން: ދަ މޫވީ" އެވެ. ނޫރާ ވަނީ ކަނޑީގެ "ރޮބޯމޭން: ދަ މޫވީ" ގައި ވެސް މުހިންމު ރޯލެއް ކުޅެފައެވެ.
"ބަރުދާސްތު" ގެ ބަތަލާ ނޫރާ އަކީ، 2000 ގެ ކުރީކޮޅު އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދޫގައި ޖެހޭނޭ" އިން ފިލްމީ ދާއިރާއަށް ތައާރަފުވި ތަރިއެކެވެ.






