މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އިންޓަވިއުތަކުގައި، ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލި ފަސް ބޭފުޅުންނާ ބައްދަލުކޮށް، އިންޓަވިއު ކުރެވުނެވެ. މި އިންޓަވިއުތަކުން 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިގެން ޝަރުތު ހަމަވި ތިން ބޭފުޅުންނަކީ ޒަމްޢަތު އަހްމަދު ވަހީދު، ޒީނާ ޒާހިރު އަދި ޝިމްލާ އަހްމަދެވެ.
އިންޓަވިއުތަކުން އެންމެ މަތީ މާކްސް ލިބިފައިވަނީ ޒަމްޢަތު އަހްމަދު ވަހީދަށެވެ. އޭނާއަށް 98.29 މާކްސް ލިބިފައިވާއިރު، ޒީނާ ޒާހިރަށް 84.57 މާކްސް އަދި ޝިމްލާ އަހްމަދަށް 76.86 މާކްސް ލިބިފައިވެއެވެ.
ނަމަވެސް، ކުރިމަތިލި އަނެއް ދެ ބޭފުޅުންކަމަށްވާ އަލީ ޔޫސުފް އަދި އަހްމަދު އަޝްރަފަށް ޝަރުތު ހަމަވާ މިންވަރަށް މާކްސް ނުލިބުމުން، އެ ދެ ބޭފުޅުން ވަނީ ޑިސްކޮލިފައި ވެފައެވެ.
މި މަޤާމަށް މެންބަރަކު ހޮވުމަށް ހުޅުވާލާފައި މިވަނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އައިމިނަތު އަމީނާގެ ދައުރު މިއަދު ހަމަވުމާ ގުޅިގެންނެވެ. މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ތިން ނަމާމެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުން އޮންނާނެ ކަމަށް ވެއެވެ.
މި ލިޔުން ކިޔާލުމުން