ތ. ވިލުފުށި އަދި މ. ކޮޅުފުށީގައި އަލަށް ބިނާކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.
ފެނަކައިން މަޢުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން، މި ދެ ރަށުގައި އަލަށް އާބާދުވެފައިވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތުގެ 47 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ހަމައެއާއެކު، ކޮޅުފުށީގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ 46 އިންސައްތަ މަސައްކަތްވެސް ވަނީ ފުރިހަމަކުރެވިފައެވެ.
ފެނަކައިން ބުނީ މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ތަކުގެ ދަށުން، މިހާރު ވިލުފުށީގައި ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތްކުރިއަށް ދާއިރު، ކޮޅުފުށީގައި ކުރަމުންދަނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށްޓަކައި ހޮޅިވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.
އަދި މި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން ދަނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



