އިޒްރޭލުން އީރާނަށް އިތުރު ހަމަލާތަކެއް ދީފާނެކަމަށް އިޒްރޭލުގެ ނިއުސް އޭޖެންސީއަކުން ބުނެފިއެވެ.
އިޒްރޭލުގެ ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދޭނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ގެއަށް ހިޒްބުالله ޖަމާއަތުން ދިން ޑްރޯން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ "އަސްކަރީ ޓާގެޓްސް" ގެ ގޮތުގައި އިޒްރޭލުން ސިފަކުރާ ސަރަހައްދުތަކަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކާއި ވައިގެ ދިފާއީ ބެޓެރީތަކަށް އަމާޒުކޮށް އިޒްރޭލުން މި ހަމަލާތައް ދީފައި ވަނީ އީރާނުން އިޒްރޭލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއަށް ގާތްގަނޑަކަސް މަހެއްހާ ދުވަސްވީ ފަހުންނެވެ. އީރާނުން އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާގައި 200 ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވާފައި ވާއިރު، މި ހަމަލާގެ ސަބަބުން (އައިޑީއެފް) ގެ ބައެއް މަރުކަޒުތަކަށް ވަނީ ގެއްލުން ލިބިފައެވެ.
އާދީއްތަ ދުވަހު ބޭއްވި މަޝްވަރާއެއްގައި ނަތަންޔާހޫގެ ކެބިނެޓްގެ ވަޒީރުންނަށް ވަނީ ނަތަންޔާހޫއަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާގެ ރައްދުގައި ވަކި ހަމަލާއެއް ދެވިދާނެ ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިޒްބުالله އިން މިދިޔަ ހަފުތާގައި ކުރި އިއުލާނެއްގައި ވަނީ ނަތަންޔާހޫ ދިރިއުޅޭ ގެއަށް އަމާޒުވި ޑްރޯން ހަމަލާގެ ފުރިހަމަ ޒިންމާ ނަގާފައެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާތަކަށް އީރާނުން ރައްދު ދޭނީ ކިހިނެއް ކަމެއް އަދި ސާފު ވެފައެއް ނުވެއެވެ. އީރާނުގެ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާދީއްތަ ދުވަހު ދެއްވި ތަގުރީރެއްގައި ވިދާޅުވީ އީރާނުގެ ރައްދު ހަމަލާ ކަނޑައަޅާނީ އެ ގައުމުގެ އިސް އޮފިޝަލުން ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވަނީ އީރާނުން "ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް" ބޭނުންކޮށްގެން އިޒްރޭލަށް ހަރުދަނާ ރައްދެއް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލުގެ ވައިގެ ހަމަލާތަކަކީ "ހަމަހަމަ" ހަމަލާތަކެއް ކަމަށް ސިފަކޮށް، އީރާނުން އެ ހަމަލާގެ ރައްދެއް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން