ހޮރުމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.
ބާޒާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ފީފާއަކުން 2.26 ޑޮލަރު ނުވަތަ ދެ އިންސައްތަ އުފުލި، 117.14 ޑޮލަރަށް ވަނީ އަރާފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ތެލުގެ އަގު ވެސް 1.94 ޑޮލަރު ނުވަތަ 1.9 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 103.94 ޑޮލަރަށް އަރާފައިވެއެވެ. މުޅި މަހަށް ބަލާއިރު ބްރެންޓް ތެލުގެ އަގު 13 އިންސައްތަ އަދި ޑަބްލިއުޓީއައި ތެލުގެ އަގު 15 އިންސައްތަ އުފުލޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރެއްގައި ބަޔަކު ގޮވާ ތަކެތި ހަރުކޮށް ގޮއްވާލުމުން، ޓޭންކަރުގެ އިންޖީނު ރޫމުގައި ރޯވެ، އެ އުޅަނދު ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާގެ ފަހަތުގައި ވަނީ ކޮން ބަޔެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ރޮއިޓާސްއިން ބައެއް މަސްދަރުތަކަށް ހަވާލާދީ ރިޕޯޓުކުރި ގޮތުގައި، މިއީ އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުނު ފަހުން ލިމްޕެޓް މައިން ބޭނުންކޮށްގެން އެ ކަނޑުއޮޅީގައި ދިން ފުރަތަމަ ކާމިޔާބު ހަމަލާއެވެ. އެއީ، ކުޑަ އުޅަނދެއް ގޮސް، ބޮޑު އުޅަނދެއްގައި ގޮވާ ތަކެތި ހަރުކޮށްގެން ދޭ ހަމަލާއެވެ.
އަދި އީރާނުގެ އައިއާރުޖީސީ ނޭވީން ބުނީ، ހޮރުމުޒް ކަނޑުއޮޅީގެ ދެކުނުން ދަތުރުކުރި ދެ ޓޭންކަރެއް ހުއްޓުވާފައިވާ ކަމަށާއި، ކަނޑުއޮޅީގައި އަޅާފައިވާ ކަނޑު މައިނެއްގައި ޖެހި ސުޕަޓޭންކަރެއްގައި އަލިފާން ރޯވި ކަމަށެވެ.
އީރާނުގެ ރަސްމީ ނޭވީން ބުނެފައިވަނީ، ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުގައި އަޅާފައިވާ މައިންތަކެއްގައި ޖެހި، ތެޔޮ އުފުލާ ދެ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ދެ ނޭވީން ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި އެ ޓޭންކަރުތައް ދަތުރުކުރީ "ހުއްދަ ނެތް މަގުތަކުން"ނެވެ. މީގެ އިތުރުން، ކަނޑުއޮޅީގެ އިރުމަތިން ޑްރޯނެއް ގޮއްވާލާފައިވާ ކަމަށް ވެސް އީރާނުގެ ނޭވީން ބުންޏެވެ.
ޢުމާނުގެ ނޭވީން ބުނާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިއާ އިންވެގެން އޮންނަ މުސަންދަމް ގަވަރުނަރޭޓްގެ އައްސޭރިފަށާ 196 ކިލޯމީޓަރު (122 މޭލު) ބޭރުގައި ހަމަލާ އަމާޒުވި އުޅަނދެއްގައި ތިބި ފަޅުވެރިންގެ ތެރެއިން 25 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ނަމަވެސް ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ވިދާޅުވީ، ހޮރުމުޒް ކަނޑުއޮޅީގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ މައިގަނޑު ދަތުރުފަތުރުގެ މަގުތައް އީރާނުގެ މައިންތަކުން ސާފުކުރެވިފައިވާ ކަމަށާއި، އުޅަނދުފަހަރު އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރަމުންދާ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބުރުވަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގުލައިގެން ގޮސް، ތެލާއި ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އަންގައި، އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރަމުން ދިޔުމެވެ.
އެމެރިކާއާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރުމުގެ މަސައްކަތުގައި ގަތަރުގެ މެދުވެރިން އަލުން ތެހެރާނަށް އެނބުރި އައިސްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ. ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި، އީރާން ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަމަށް ވަކި ތާރީޚެއް ދެއްވާފައެއް ނުވެއެވެ.






