މެޓާގެ ދަށުން ހިންގާ މެސެޖިން ޚިދުމަތް ވަޓްސްއެޕުން، ގްރޫޕް ޗެޓްތައް ބެލެހެއްޓުމާއި މެސެޖުތައް ފަސޭހައިން ބަލައިލުމަށް އެހީތެރިވެދޭނެ ހަތަރު އާ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.
ވަޓްސްއެޕުން ބުނީ، މި ބަދަލުތަކުގެ ސަބަބުން ގިނަ މެސެޖުތައް އަންނަ ގްރޫޕްތަކުގައި މުހިންމު ވާހަކަތައް ނުގެއްލި ފަސޭހައިން ފެންނާނެ ކަމަށެވެ. އަދި ގްރޫޕްތަކަށް އަލަށް ގުޅޭ މެންބަރުންނަށް ކުރީގެ ވާހަކަތައް އޮޅުންފިލުވައިދިނުމަށާއި، މެދުކެނޑުނު ހިސާބުން ވާހަކަތައް ކުރިއަށް ގެންދިއުން ފަސޭހަކޮށްދިނުމަށް ތަޢާރަފުކުރި ފީޗާތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެގޮތުން، ގްރޫޕް ޗެޓްތަކުގައި ހުންނަ މުހިންމު މެސެޖުތައް މުއްދަތެއް ނެތި ދާއިމީކޮށް ޕިންކޮށްފައި ބެހެއްޓޭނެ ގޮތް ވަނީ ހަދާފައެވެ. ކުރިން ވަޓްސްއެޕްގައި މެސެޖެއް ޕިންކުރެވެނީ 24 ގަޑިއިރު، 7 ދުވަސް ނުވަތަ 30 ދުވަހުގެ މުއްދަތަށް އެކަންޏެވެ.
ދެވަނަ ފީޗާއަކީ ގްރޫޕަށް އަލަށް ގުޅޭ މެންބަރުންނަށް ގްރޫޕްގެ ކުރީގެ މެސެޖުތައް ފޮނުވައިދެވޭނެ ގޮތެވެ. ގްރޫޕްގެ އެޑްމިނުން ނުވަތަ މެނޭޖަރުންނަށް، އަލަށް ގުޅުނު މެންބަރެއްގެ ނަމަށް ޗެޓް ތެރެއިން ފިތާލުމަށްފަހު، އެ މީހަކު ގުޅުމުގެ ކުރިން ދެކެވިފައިވާ ފަހުގެ މެސެޖުތައް ހިއްސާކުރެވޭނެއެވެ. މިގޮތަށް ހިއްސާކުރެވޭ މެސެޖުތަކަކީ ވެސް އެންޑް-ޓޫ-އެންޑް އެންކްރިޕްޓްކުރެވިފައިވާ މެސެޖުތަކެއް ކަމަށް ވަޓްސްއެޕުން ބުނެއެވެ.
ތިންވަނަ ފީޗާއަކީ ޗެޓް ލިސްޓު ތިރިއަށް ސްވައިޕްކޮށްލުމުން ފެންނަ ފިލްޓާ ބައިގައި ހިމެނޭ "މެންޝަންސް އެންޑް ރިޕްލައިސް" ބަޓަނެވެ. މި ބަޓަނުން ތިމާއަށް ޓެގްކޮށްފައިވާ މެސެޖުތަކާއި ސީދާ ރިޕްލައިތައް ވަކިން ފަސޭހައިން ބަލާލެވޭނެއެވެ.
ހަތަރުވަނަ ފީޗާގެ ގޮތުގައި ވަޓްސްއެޕުން ތަޢާރަފުކުރީ، ހަމައެކަނި ވަކި ގްރޫޕެއްގެ މެންބަރުންނަށް ފެންނާނެހެން ސްޓޭޓަސް އަޕްޑޭޓްތައް ހިއްސާކުރެވޭ "ގްރޫޕް ސްޓޭޓަސް" ފީޗާއެވެ. އާންމު ސްޓޭޓަސްތަކެކޭ އެއްފަދައިން މި ސްޓޭޓަސްތައް ވެސް 24 ގަޑިއިރުގެ ތެރޭގައި ގެއްލޭނެއެވެ. އަދި ގްރޫޕްގެ އެހެން މެންބަރުންނަށް މި ސްޓޭޓަސްތަކަށް ރިއެކްޓްކޮށް، އަމިއްލަ ސްޓޭޓަސްތައް ވެސް އިތުރުކުރެވޭނެއެވެ.
މި ފީޗާތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ލިބެން ފަށާނެ ކަމަށް ވަޓްސްއެޕުން ބުނެއެވެ. ނަމަވެސް، މަރުޙަލާތަކަށް ބަހާލައިގެން ފީޗާތައް ދޫކުރާތީ، ބޭނުންކުރާ އެކައުންޓާއި ޕްލެޓްފޯމް އަދި ސަރަހައްދަށް ބަލައި ލިބޭ ވަގުތު ތަފާތުވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.






