އާދިއްތަ, November 1
ބޯޑަރު މައްސަލައިގައި ޗައިނާއާ އިންޑިއާއިން އެއްބަސްވުމަކަށް

ނިއުކްލިއާ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިއާ އާއި ޗައިނާއިން ދެ ގައުމު ގުޅޭ ބޯޑަރުގައި ޕެޓްރޯލް ކުރުމާއި ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން މިކަން ކަށަވަރުކޮށްދީފައިވަނީ ބްރިކްސް ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި މޯދީ  ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނޫސްތަކަށް މައުލޫމާތު ލިބިފައި ވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވި ގޮތުގައި ލަޑަކްގެ ސަރަހައްދު މޮނިޓާ ކުރަން ދެ ގައުމުން ވެސް އެއްބަސްވީ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުހިނގާތޯ ބެލުމަށެވެ.  މި އެއްބަސްވުމަކީ ފާއިތުވި ހަފުތާތަކުގައި ޑިޕްލޮމެޓިކް އަދި އަސްކަރީ ޗެނަލްތައް މެދުވެރިކޮށް އެތައް ފަހަރެއްގެ މަތިން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެވެ.

ޖައިޝަންކަރު ވިދާޅުވީ ޗައިނާއާއެކު ޑިސްއެންގޭޖްކުރުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި ދެ ގައުމުން އެއްބަސްވުމަކާ ހަމައަށް އާދެވުނީ މިއަދު އެކަނި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދާދި ފަހުން ވެވުނު އެއްބަސްވުމަކީ މި މައްސަލައިގައި ލިބުނު ރަނގަޅު ކުރިއެރުމެއް ކަމަށެވެ.

ބޯޑަރުގައި ޕެޓްރޯލް ކުރުމާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ވެވޭ މި އެއބަސްވުމުގެ ސަބަބުން ބޯޑަރު ސަރަހައްދުތަކުގެ ސުލްހަ މަސަލަސްކަން އަލުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ދެ ބާރު ކަމުގައިވާ އިންޑިއާ އާއި ޗައިނާގެ މެދުގައި 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށް ފަހު ދެގައުމުގެ ގުޅުން ހީނަރުވެ، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ގުޅުންތަކަށް ވެސް ބުރޫ އަރާފައިވާއިރު، އިންޑިއާ އިން ވަނީ އެގައުމުގައި ޗައިނާގެ އިންވެސްޓްމަންޓްތައް މަނާކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ވެވޭ މި އެއްބަސްވުން ވެގެންދާނީ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ދެ ގައުމުގެ ގުޅުން ބަދަހި ވެގެން ދާނެ އެއްބަސްވުމަކަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު