އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް އިސްރާއީލީ ސިފައިން ކުއްލިއަކަށް ވަދެގަނެ، ފަލަސްޠީނުގެ 9 ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހިންގި މި ރެއިޑްތަކާއި ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދުތަކަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި އޮޕަރޭޝަންތައް ގިނައިން ހިންގާފައިވަނީ ނާބްލުސް، ޖެނީން، ޠޫބާސް އަދި ޤަލްޤީލިޔާގެ އަވަށްތަކުގައެވެ. ޖެނީން ގަވަރުނަރޭޓުގައި ހިމެނޭ ސަނޫރާއި ޒަބާބްދާގެ އިތުރުން އިރުމަތީ ސަރަޙައްދުތަކަށް އިސްރާއީލީ ސިފައިން ވަދެގަނެފައިވާއިރު، ނާބްލުސްގެ އިރުމަތީ ފަރާތަށާއި ދެކުނުގެ އެކި އަވަށްތަކަށްވެސް ވަނީ ވަދެގަނެފައެވެ.
ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތަކާއި ސިޓީތަކަށް ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް އިސްރާއީލުން މިފަދަ ކުއްލި ރެއިޑްތައް ހިންގަމުން ގެންދެއެވެ.
އިސްރާއީލުން ދަޢުވާކުރާ ގޮތުގައި މި ފިޔަވަޅުތަކަކީ އެ ސަރަޙައްދުގައި ހަމަނުޖެހުން ބޮޑުވުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކެކެވެ. ނަމަވެސް، އެފަދަ އެއްވެސް ހަމަނުޖެހުމެއް ނުހިނގާއިރުވެސް މިކަންކަން ކުރިއަށްގެންދާތީ، އާންމު ރައްޔިތުންގެ ދުވަހުގެ ދިރިއުޅުމަށް ދަނީ ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވަމުންނެވެ.






