Saturday, October 31
ހޮރްމުޒް ކަނޑުއޮޅި ދެ ދުވަހުގެ ތެރޭގައި އަލުން ހުޅުވާލެވިދާނެ: އަރާގްޗީ

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ޕްލޭން ތަންފީޒުކުރުމަށް ނަގާ މުއްދަތު ދެ ދުވަހަށް ކުރުކުރުމަށް ގަތަރުގެ މެދުވެރިންނާއެކު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، އީރާނުގެ ޕްލޭން ތަންފީޒުކުރުމުގެ މުއްދަތު ފަސް ދުވަހަށް ކުރުކުރުމަށް ގަތަރުން ފުރަތަމަ ހުށަހެޅި ކަމަށާއި، ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ކުރެވުނު އިތުރު މަޝްވަރާތަކަށް ފަހު އެ މުއްދަތު ދެ ދުވަހަށް ކުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، އިސްލާމްއާބާދު މެމޮރެންޑަމަށް ފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު މަދުކުރުން ހިމެނޭ ކަމަށް އަރާގްޗީ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ތެޔޮ ބޭރުކުރުމަށް އަޅާފައިވާ ހުރަސްތައް އުވާލުމާއި، ގަތަރުގައި ހުރި ފައިސާ ހިމެނޭ ގޮތަށް ގަނޑުކޮށްފައިވާ އީރާނުގެ ހުރިހާ ފައިސާއެއް ދޫކޮށްލުމަށް ވެސް އީރާނުން އެދެއެވެ.

އަދި އޯމާނާއެކު މަޝްވަރާކޮށްގެން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ރޫޓުތައް ބަލައިގަނެ، އެނޫން ރޫޓުތައް ބަންދުކުރުމަށް ވެސް ތެހެރާނުން އެދޭ ކަމަށް އަރާގްޗީ ވިދާޅުވިއެވެ.

އީރާނުގެ ޝަރުތުތަކާ އެއްގޮތަށް ހޮރްމުޒް އަލުން ހުޅުވާލުމަކީ، ނުނިމި ހުރި މުހިންމު މައްސަލަތަކާ ގުޅޭގޮތުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް އަރާގްޗީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު