އިންޑިއާއިން އެމެރިކާގެ ދިފާއީ ކުންފުނި ޖެނެރަލް އެޓޮމިކްސްގެ 31 ޕްރިޑޭޓާ ޑްރޯން ގަންނަން ހަތަރު ބިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދު ކަމަށް ބެލެވެނީ ޗައިނާއާ އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ސޮއިކުރި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އަސްކަރީ ގުޅުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ޖެނެރަލް އެޓޮމިކްސް އިން ވަނީ އިންޑިއާގައި ބޭނުންކުރާ ޑްރޯންތަކަށް ޑިޕޯ ލެވެލް މެއިންޓެނެންސް އާއި އޯވަހޯލް މެދުވެރިކޮށް ޕާފޯމަންސް ބޭސްޑް ލޮޖިސްޓިކްސް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިދިޔަ ހަފުތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބަލަހައްޓަވާ ކެބިނެޓް ކޮމިޓީ އިން ސެކިއުރިޓީން ވަނީ އެމްކިއު-9ބީ ޕްރިޑޭޓާ ޑްރޯންގަތުމަށް ރުހުން ދީފައެވެ.
އިންޑިއާއިން މި ޑްރޯންތައް ގަންނަ މައިގަނޑު ސަބަބަކީ ޗައިނާ ހިމެނޭ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރު) ސަރަހައްދުގައި އެގައުމުގެ ސިފައިންގެ ސަވައިލަންސް ގާބިލުކަން އިތުރުކުރުމަށެވެ.
މި އެއްބަސްވުމުގައި ހިމެނެނީ އިންޑިއަން ނޭވީއަށް 15 ސީ ގާޑިއަން ޑްރޯން އާއި އިންޑިއާ އަސްކަރިއްޔާ އާއި އިންޑިއަން އެއާފޯސް (އައިއޭއެފް) އަށް 16 ސްކައި ގާޑިއަން ޑްރޯން އެވެ.
މި ލިޔުން ކިޔާލުމުން