Monday, November 16
މަދު ފުލުހުން ތިބުނަސް ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ސީޕީ އެދިވަޑައިގެންފި

އދ. ކުނބުރުދޫގައި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރަށްރަށުގައި ރައްޔިތުންނަށް ޕްރޮފެޝަނަލް ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، ފުލުހުންގެ ކޮންސެޕްޓަށް ފަރުމާކުރެވިފައިވާ އަދި އެކަށީގެންވާ ވަސީލަތްތައް ހުރި މަރުކަޒުތަކެއްގައި ތިބެގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި ފުލުހުން ނެތް ރަށްރަށުގައި ފުރަތަމަ ފުލުހުން ޤާއިމުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ އެ ރަށްރަށުގައި އަމިއްލަ މަރުކަޒުތައް ޤާއިމުކޮށް ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަރުކަޒުގައި ޚިދުމަތްކުރާ މުވައްޒަފުންނާ މުޚާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ރަށެއްގައި ތިބޭ ފުލުހުންގެ އަދަދު މަދުވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ދަށްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން ގިނަ ބަޔަކު ތިބެގެން އެދެވޭ ނަތީޖާއެއް ނުނެރެވުމަށްވުރެ، މަދު ފުލުހުންކޮޅެއް ތިބެގެން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވައިގެން އިފެކްޓިވް މަސައްކަތެއް ކުރުން މުހިންމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފުލުހުންގެ މުއައްސަސާގެ ޖުމުލަ އާބާދީއާއި ވަސީލަތްތައް އިތުރުވަމުންދާ ވަރަކަށް ކުނބުރުދޫ ޕޮލިސް ޕޯސްޓަށްވެސް އިތުރު ފުލުހުންނާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށާއި، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު