އާދިއްތަ, November 1
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އީރާނުގެ ރައީސް ޕެޒެޝްކިއަންއާ ބައްދަލުކުރައްވައިފި

އިޒްރޭލާއި އީރާނާ ދެމެދު ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން، އީރާނުގެ އާ ރައީސް ޕެޒެޝްކިއަންއާ ބައްދަލުކުރައްވައިފިއެވެ.

ރަޝިޔާގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕުޓިން އާއި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ހުކުރު ދުވަހު ތުރުކުމެނިސްތާނުގައި ބޭއްވި ބައްދަލުވުމެއްގައި މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރަޝިޔާއާއި، އީރާންގެ ދެމެދުގައި އޮންނަ ގުޅުމަކީ އެ ގައުމުން ވަރަށް އިސްކަންދޭ ގުޅުމެއް ކަމަށާއި، މި ގުޅުން އަންނަނީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއަން އެ ގައުމުގެ ނިއުސް އޭޖެންސީއަކަށް މައުލޫމަތު ދެއްވި ގޮތުގައި އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން އީރާނާއި، ރަޝިޔާއާ ދެމެދު އޮންނަ ގުޅުންތައް ދަނީ ދުވަހުން ދުވަހަށް ހަރުދަނާވަމުންނެވެ.

މީގެއިތުރުން ޕެޒެޝްކިއަން ވަނީ އިޒްރޭލުން ލުބުނާނުގައި ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ލުބުނާނަށާއި، ޣައްޒާއަށް ދޭ ހަމަލަތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ލުބުނާނާއި، ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދޭތީ ރަޝިޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން ރަޝިޔާއާއި، އީރާނާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި ޔޫކްރޭނަށް ރަޝިޔާއިން ދޭ ހަމަލާތަކުގައި ބޭނުންކުރާ ހަތިޔާރުތައް ފޯރުކޮށްދެނީ އީރާނުންނެވެ. ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ހުކުރު ދުވަހު ބޭއްވި ކޮންފަރެންސްގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ސެންޓްރަލް އޭޝިއާގެ ގައުމުތައް ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާންގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު