އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާއެއްގައި އިޓަލީގެ 2 ރައްޔިތުން މަރުވެފައިވާކަން އިޓަލީގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.
އިޓަލީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މަރުވި 2 މީހުންނަކީ ކުވައިތުގައި މަސައްކަތްކުރަމުން ދިޔަ، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުނި ރެއިންމެޓަލްގެ ޓެކްނީޝަނުންނެވެ.
ކުވައިތުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުން ކުވައިތަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ކުވައިތުގެ ސިފައިން ވައިގެ ތެރޭގައި ހުއްޓުވުމުން، އޭގެ ބައިތައް ބިމަށް ވެއްޓި އެ ބައިތަކުން ޖެހިފައި 4 މީހަކު ޒަޚަމްވި ކަމަށެވެ. ޒަޚަމްވީ އިޓަލީގެ 2 މީހުންނާއި ކުވައިތުގެ ރައްޔިތަކާއި ޕާކިސްތާނުގެ ރައްޔިތަކަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޒަޚަމްވި މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އިޓަލީގެ 2 މީހުން ވަނީ ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
މި ހަމަލާ ހަރުކަށި ބަސްތަކުން ކުށްވެރިކޮށް ކުވައިތުގެ ޚާރިޖީ ވުޒާރާއިން ބުނީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުވައިތުގެ ސިޔާދަތަށް އަރައިގަތުމެއް ކަމަށެވެ.
ހަމަލާގައި އިޓަލީގެ 2 ރައްޔިތުން މަރުވި ޚަބަރު އެނގިވަޑައިގެންފައިވާ ކަމަށް އިޓަލީގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ކުވައިތަށް ހަމަލާދިން ކަމުގެ ތުހުމަތު އީރާނުގެ ސިފައިން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ ސިފައިންގެ ތަރުޖަމާނު ބުނީ، ސަރަހައްދުގައި އީރާނުން އެއްވެސް އަސްކަރީ ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.






