Thursday, November 26
ހަކަތަ އިގްތިސާދުކުރުމަށް ހޭލުންތެރިކުރުވާ ޤައުމީ ކެމްޕެއިނެއް ސްޓެލްކޯއިން ފަށައިފި

ކަރަންޓު އިސްރާފުކުރުން ކުޑަކޮށް، ހަކަތަ އިގްތިސާދުކުރުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕެއިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ކެމްޕެއިން ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ ޢަޒުވަރު، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އަދި މީދޫގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވި ސެޝަނެއްގައެވެ.

ކެމްޕެއިން ފައްޓަވައިދެއްވަމުން ޑރ. ޢަޒުވަރު ވިދާޅުވީ، މިއީ ހަމައެކަނި ޝިއާރެއްގެ ގޮތުގައި ބޭނުންކުރާނެ ކެމްޕެއިނެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓާ ގުޅިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ޤައުމުގެ އިގްތިސާދަށާއި ތިމާވެށްޓަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ކަރަންޓު އިގްތިސާދުކުރުމުގެ ފައިދާއަކީ ހަމައެކަނި މަހު ބިލު ކުޑަވުން ނޫން ކަމަށާއި، އޭގެ ސަބަބުން ތެލަށް ކުރާ ޤައުމީ ހޭދަ ކުޑަވެ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުވެ، ކުރިއަށް އޮތް ޖީލުތަކަށް ގުދުރަތީ ވެށި ރައްކާތެރިކޮށްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ކެމްޕެއިންގެ ތެރެއިން ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކިތަކާއި އޭސީ ފަދަ ތަކެތި ނިއްވާލުމުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަކަތަ އިގްތިސާދުކުރެވޭނެ ގޮތްތައް ދައްކައިދިނުމަށް ރާވާފައިވެއެވެ.

މި ކެމްޕެއިނަކީ ވަކި ސަރަހައްދަކަށް ޚާއްޞަ ހަރަކާތެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް ކެމްޕެއިންގެ ސެޝަންތައް ގެންދާނެ ކަމަށް ވެސް ޑރ. ޢަޒުވަރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ޤައުމީ ފެންވަރުގައި ކަރަންޓު އިސްރާފުކުރުން ބޮޑުތަނުން ދަށްކޮށް، އަތުން ހިފޭ ފަދަ ނަތީޖާއެއް ނެރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޑރ. ޢަޒުވަރު ވަނީ، ގެދޮރާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު