Thursday, November 26
ބެންކޮކްގެ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ހިނގި ގޮވުމެއްގެ ސަބަބުން 7 މީހަކު ޒަޚަމްވެއްޖެ

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި މިއަދު ގޮވުމެއް ގޮވައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 7 މީހަކު ޒަޚަމްވެއްޖެއެވެ.

ބެންކޮކްގެ އީރަވަން އެމަޖެންސީ މެޑިކަލް ސެންޓަރުން ހާމަކުރި ގޮތުގައި، ޒަޚަމްވި މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްއެވެ.

މި ހާދިސާ ހިނގީ ބެންކޮކްގެ އިރުމަތީ ސަރަހައްދުގައި ހުންނަ ބަންގްޗަކް ކޯޕަރޭޝަންގެ ޕްރާ ޚަނޮންގް އޮއިލް ރިފައިނަރީގައެވެ. ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިފައިނަރީގެ ވަށައިގެން ދިރިއުޅޭ ރައްޔިތުން ވަގުތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ބަންގްޗަކް ޑިސްޓްރިކްޓް އޮފީހުން ވަނީ އަންގާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރުޚާނާ ހުންނަ ސަރަހައްދުން ބޮޑެތި އަލިފާންގަނޑުތައް މައްޗަށް އަރަމުން ދިޔައިރު، ބެންކޮކްގެ އުޑުމަތި ވަނީ ކަޅު ބޯ ދުމުން ފޮރުވިފައެވެ.

ހާދިސާއާ ގުޅިގެން ރިފައިނަރީގެ ހުރިހާ ޕްރޮޑަކްޝަން ޔުނިޓްތަކެއްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބަންގްޗަކް ކޯޕަރޭޝަނުން ބުނެފައިވެއެވެ. ބެންކޮކްގެ ކަމާބެހޭ އިދާރާތަކުން މޮބައިލް ފޯނުތަކަށް ފޮނުވި މެސެޖެއްގައި، އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. ހާދިސާ ހިނގި ސަބަބު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ވިދާޅުވީ، ސަރުކާރުން މި ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށާއި، އަލިފާން ރޯވެފައިވަނީ ރިފައިނަރީގެ މައި އުފެއްދުންތައް ހިންގާ ބައިގައި ނޫން ކަމަށް ބެލެވޭ ކަމަށެވެ.

ދުވާލަކު 120،000 ފީފާގެ ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ލިބިފައިވާ މި ރިފައިނަރީގައި 2012 ވަނަ އަހަރުގެ ޖުލައި މަހުވެސް ގޮވުމެއް ހިނގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު