Thursday, November 26
ކުށަށް އިއުތިރާފުވި ފިލްމީ ތަރިން އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހަޅަނީ

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަޒޭއާއި ރޯމަންގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި، އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން އެދިއްޖެއެވެ.

މިއަދުގެ އަޑުއެހުމުގައި، 45 އަހަރުގެ އަޙްމަދު އަޒްމީލް (އަޒޭ)، 29 އަހަރުގެ މުޙައްމަދު ވިޝާލް (ރޯމަން) އަދި 35 އަހަރުގެ އިސްމާޢީލް ޖުމައިޙް (ޖުމާ) ވަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެފައެވެ.

ދައުލަތުން އަޒޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައެވެ. ރޯމަންގެ މައްޗަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޖުމާގެ މައްޗަށް މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ހުށަހެޅިފައި ނުވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

މި ތިން މީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު 8 ގައި ވިލިމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި އަޒޭގެ ކޮއްކޮއެއް ކަމަށްވާ 42 އަހަރުގެ ޝާހިލް މުޙައްމަދު ވެސް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފުސީލެއް އަދި ހާމަވެފައެއް ނުވެއެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، މި މީހުން ތިބި ކޮޓަރި ބާރުގެ ބޭނުންކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުއްޓެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަޒޭއާއި ރޯމަނަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު