ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ތައްޔާރުވަމުންދާ ޕާކިސްތާނުގެ ފުރަތަމަ އޮރިޖިނަލް ސީރީޒް "ޖޯ ބަޗޭ ހޭ ސަންގް ސަމައިތު ލޯ" އިންޑިއާގައި ދެއްކުން މަނާކޮށްދިނުމަށް އެ ޤައުމުގެ ފިލްމީ ޖަމިއްޔާތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގޮވާލައިފިއެވެ.
ސީރީޒްގެ ޓްރެއިލާ އާންމުކުރުމާ ގުޅިގެން، އިންޑިއާގެ "އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަން" އިން ބޮޑުވަޒީރު މޯދީއަށް ހުށަހެޅި ހުށަހެޅުމުގައި، މި ސީރީޒް އިންޑިއާގައި ނުދައްކާ ގޮތަށް ހަމަޖައްސައިދިނުމަށާއި ޕާކިސްތާނުގެ ހުރިހާ ފަންނީ އުފެއްދުންތަކެއް އިންޑިއާގައި ދާއިމީކޮށް މަނާކޮށްދިނުމަށް ވަނީ އެދިފައެވެ.
އެ ގޮވާލުމަށް ރައްދުދެއްވަމުން ޕާކިސްތާނުގެ ޕްލޭނިންގ މިނިސްޓަރު އަހްސަން އިގްބާލް "އެކްސް"ގައި ވިދާޅުވީ، ކުޅިވަރާއި ފަންނުވެރިކަން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައި، ސަޤާފަތް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.
"ކްރިކެޓް މެޗަކީ ސިޔާސީ ނުރައްކަލެއް ކަމާއި، ޓީވީ ޑްރާމާއަކީ ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ދެކޭނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކިހާވަރަކަށް ކުޑަވެގެން ހެއްޔެވެ؟ އިންޑިއާ ތިޔައަށްވުރެ ހަރުދަނާވާން ޖެހޭ. ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދީ، ފަންނާނުންނަށް އުފެއްދުންތެރިކަމުގެ މިނިވަންކަން ދީ، ބަލާނެ އެއްޗެއް ނިންމުމުގެ އިޚްތިޔާރު ބެލުންތެރިންނަށް ދޫކޮށްލަދީ،" އިގްބާލް ވިދާޅުވިއެވެ.
މީގެ އިތުރުން އިގްބާލް ފާހަގަކުރެއްވި ގޮތުގައި، މި ސީރީޒަކީ ޕާކިސްތާނުގެ ޑްރާމާ ސިނާޢަތަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.
ލިޔުންތެރިޔާ ފަރްހަތު އިޝްތިއާގް 2013 ގައި ނެރުނު ހަމަ އެ ނަމުގެ މަޤްބޫލު ވާހަކައަށް ބިނާކޮށް، މޮމިނާ ދުރައިދު އުފައްދާފައިވާ މި ސީރީޒްގައި ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު، ހާނިއާ އާމިރު އަދި އަހަދު ރަޒާ މީރު ފަދަ ޕާކިސްތާނުގެ މަޝްހޫރު ތަރިން ހިމެނެއެވެ.
މި ސީރީޒް ނެޓްފްލިކްސްގައި ދައްކަން ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހެވެ. ނަމަވެސް އިންޑިއާގައި މި ސީރީޒް ދައްކާނެ ކަން އަދި ކަށަވަރެއް ނޫނެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން، ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތްކުރުމުގެ ފުރުޞަތު ވަނީ ހުއްޓުވާލާފައެވެ. ފަވާދާއި މާހިރާއަކީ ވެސް ކުރިން ބޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ ތަރިންނެވެ.






