ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ.
އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެކްސްޕޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ސަރުކާރުގެ ވުޒާރާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި އަހަރުގެ އެކްސްޕޯގައި 158 އެގްޒިބިޓަރުން ބައިވެރިވާއިރު، އެކްސްޕޯ ވަނީ 4 ޒޯނަކަށް ބަހާލާފައެވެ. އެއީ 34 ބައިވެރިންނާއެކު ކެރިއަރ ޒޯން، 32 ބައިވެރިންނާއެކު އެޑިއުކޭޝަން ޒޯން، 19 ބައިވެރިންނާއެކު ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން އަދި 73 ބައިވެރިންނާއެކު މާކެޓް ޒޯނެވެ. އެކްސްޕޯގެ ތެރެއިން ވަޒީފާއަށް ހުށަހެޅުމާއި ތަމްރީނުގެ ފުރުޞަތުތައް ހަމަޖައްސައިދިނުން ވެސް ހިމެނޭނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ނަޒީރު ވިދާޅުވީ، މިފަހަރުގެ އެކްސްޕޯއަށް 35،000 އަށްވުރެ ގިނަ ޒުވާނުން ޒިޔާރަތްކޮށް، ވަޒީފާގެ ފުރުޞަތުތައް ހޯދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ފަހިވެ، ޤާބިލު ޒުވާނުން ބިނާވެގެން ދިއުމަކީ މުހިންމު މަޤްޞަދެއް ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި ވަރަ އެކްސްޕޯއަށް 30،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، 1،100 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުށަހަޅާފައިވެއެވެ. އަދި ވަޒީފާއަށް އެދި 450 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.






