އާދިއްތަ, November 22
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތިން އަވަށެއްގައި ވަޒަންވެރިން ހަމަލާދީ، ވެހިކަލްތަކުގައި ހުޅުޖަހައިފި

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތިން އަވަށެއްގައި ޔަހޫދީ ވަޒަންވެރިން ރޭ ހަމަލާދީ، ފަލަސްތީނުގެ ރައްޔިތުންގެ ވެހިކަލްތަކުގައި ހުޅުޖަހައިފިއެވެ.

ހަމަލާތައް ދީފައިވަނީ ކަފްރު މާލިކް، ދީރު އަބޫ މަޝްޢަލް އަދި ދީރު އަލް ސޫދާން އަވަށުގައެވެ. ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ދަންވަރު ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ކާރުތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، މުދަލަށް ވަނީ ގެއްލުން ދީފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހަމަލާތައް ދެނީ ޔަހޫދީ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގެ ދަށުގައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފެށި ފަހުން، ހުޅަނގު އައްސޭރީގައި ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ސަރަހައްދުގައި މިހާތަނަށް 1،222 މީހުން ޝަހީދުކޮށްފައިވާއިރު، އޭގެ ތެރޭގައި 255 ކުޑަކުދިން ހިމެނެއެވެ.

ޕަލަސްޓީނިއަން ވޯލް އެންޑް ސެޓްލްމަންޓް ކޮމިޝަނުން ހާމަކުރި ގޮތުގައި، އޮކްޓޯބަރު މަހު ހުޅަނގު އައްސޭރީގައި 3،133 ހަމަލާ ދީފައިވާއިރު، އޭގެ ތެރެއިން 1،369 ހަމަލާ ދީފައިވަނީ ވަޒަންވެރިންނެވެ. މިއީ ސެޕްޓެމްބަރު މަހު ވަޒަންވެރިން ދިން 647 ހަމަލާއާ އަޅާބަލާއިރު 112 އިންސައްތައިގެ އިތުރުވުމެކެވެ.

ހުޅަނގު އައްސޭރީއާއި ގުދުސްގެ އެކި ހިސާބުތަކުގައި އިސްރާއީލުން ޤާނޫނާ ޚިލާފަށް 156 ޔަހޫދީ އާބާދީ ހަދާފައިވާއިރު، އެ އާބާދީތަކުގައި 750،000 އަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރިކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު