ސްވިޒަލެންޑުގެ ޖެނީވާގައި މި މަހުގެ 16 އިން 20 އަށް ބޭއްވި، ކެމިކަލްތަކާ ބެހޭ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް"ގެ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް ޙަސަން އަޒްހަރެވެ. މި އޮނިގަނޑު ތަންފީޛުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެކުލަވައިލި "ކޮންޓެކްޓް ގްރޫޕް"ގެ ކޯ-ޗެއަރގެ މަޤާމު ވެސް ޙަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.
މި ކޮންފަރެންސަކީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޞިނާޢީ ދާއިރާގެ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ކަމާ ގުޅޭ އެހެނިހެން ފަރާތްތަކުން ބައިވެރިވިއެވެ.
ކޮންފަރެންސްގައި، މި އޮނިގަނޑު ތަންފީޛުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް ކަނޑައެޅުމާއި، މިކަން ތަންފީޛުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނެއެވެ.
މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު"ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވެސް ކޮންފަރެންސްގައި ވަނީ ފާސްކޮށްފައެވެ.






