އާދިއްތަ, November 22
ދޮންދަރިއަކު ނުހުންނާނެ ކަމަށް ޝާހިދުގެ ފަރާތުން ހައިކޯޓުގައި ވަކާލާތުކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އެއްވެސް ދޮންދަރިއަކު ނުހުންނާނެ ކަމަށާއި، ބަންދުކުރުމަށް އެދި ހުށަހެޅި ފޯމުގައި ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް އޭނާ ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް، ޝާހިދުގެ ފަރާތުން ހައިކޯޓުގައި ވަކާލާތުކޮށްފިއެވެ.

މި ވާހަކަތައް ހާމަވީ، އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ ޝާހިދުގެ ބަންދު މައްސަލައިގެ ނިންމުން ހައިކޯޓުގެ ވެބްސައިޓުގައި ޕަބްލިޝްކުރުމުންނެވެ. ހައިކޯޓުން މިއަދު ވަނީ، ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހާފައިވަނީ ނޮވެމްބަރު 3 ގައެވެ.

ހައިކޯޓުގައި ޝާހިދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކޮށް، އޭނާ ވަގުތުން މިނިވަންކޮށްދިނުމަށް އެދުނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ފޯމުގައި، ދޮންދަރިއަކާ ބެހުނު ކަމަށް ބުނެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ތުހުމަތު ކޮށްފައިވީ ނަމަވެސް، އޭނާގެ ދޮންދަރިއަކު ނުހުންނާނެ ކަމަށް ޝާހިދުގެ ފަރާތުން ބުނެފައިވެއެވެ. އަދި ފޯމުގައި ނެތް އެހެން ތުހުމަތަކަށް ހެކި ހުރި ކަމަށް ބަލައި ބަންދުކުރީ އިޖުރާއަތާ ޚިލާފަށް ކަމަށެވެ.

މީގެ އިތުރުން، ހުށަހަޅާފައިވާ ހެކިތަކަކީ "އިވުނު ކަމަށް ބުނާ ހެކި" ކަމަށްވާތީ، އެއީ ޝަރުޢީ ގޮތުން ބަލައިގަނެވޭނެ ހެކި ނޫން ކަމަށާއި، މިފަދަ މައްސަލަތަކުގައި މައިގަނޑު އަސާސަކީ ކުއްޖާގެ ބަސް ކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ތަޙުޤީޤަށް އަދި ކުއްޖާގެ ބަޔާނެއް ލިބިފައި ނުވާތީ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ވެސް ޝާހިދުގެ ފަރާތުން ފާހަގަކުރިއެވެ.

ދައުލަތުން ފާހަގަކުރި ގޮތުގައި، ޝާހިދަކީ ކުއްޖާގެ ދޮންބައްޕަ ކަމަށް ފޯމުގައި ބަޔާންކުރީ، ތަޙުޤީޤަށް ލިބުނު ބަޔާންތަކުގައި ކުއްޖާ އޭނާއާ މުޚާޠަބުކުރަނީ "ބައްޕި" ގެ ގޮތުގައި ކަމަށްވާތީ، އެއީ ދޮންބައްޕަ ކަމަށް ކުއްޖާ ދެކޭކަން އެނގެން އޮތުމުންނެވެ. އަދި ބަންދުގެ މަރުޙަލާއަކީ ކުށް ސާބިތުކުރުމުގެ މަރުޙަލާ ނޫން ކަމަށާއި، ތަޙުޤީޤުގެ މި ކުރީކޮޅު ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ހުރި ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ތާއީދުކުރައްވައި ނެރުއްވި ނިންމުމުގައި ކަނޑައަޅުއްވާފައިވަނީ، ދޮންބައްޕަ ކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް، ދައުލަތުން ބަޔާންކުރާ ގުޅުމަށް ބާރުދޭ ބައެއް ކަންކަން ފުރަތަމަ ނަޒަރުން އެނގެން އޮތް ކަމަށެވެ.

އަދި ޝާހިދު ހައްޔަރުކޮށް ދިން ޤާނޫނީ އިންޒާރުގައި ވެސް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތު ސާފުކޮށް ކޮށްފައިވާތީ، ނުކުރާ ތުހުމަތަކަށް ބަންދުކުރި ކަމަށް ނުބެލެވޭނެ ކަމަށް ވެސް ހައިކޯޓުން ކަނޑައަޅުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު