އިންޑިއާގެ އިރުއުތުރުގައި އޮންނަ މަނީޕޫރު ސްޓޭޓްގައި ވިހަ ބަނގުރާ ބޮއެގެން 11 މީހަކު މަރުވެ، 180 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
މަނީޕޫރުގެ ޗީފް މިނިސްޓަރު ޔުމްނަމް ކޭމްޗަންދް ސިންގް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގިނަ ބަޔަކު ބަލިވެ ހާލުދެރަވީ ސިއްހަތަށް ގެއްލުންހުރި މާއްދާތައް އެކުލެވޭ ބަނގުރާ ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށާއި، 180 އަށްވުރެ ގިނަ ބަލިމީހުންނަށް ދެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ހާދިސާގެ ތަހުގީގު ވަނީ ފަށާފައެވެ. އެކަމުގައި ޒިންމާވާ މީހުން ހައްޔަރުކޮށް، ހަރުކަށި އަދަބު ދެވޭނެ ކަމަށް ވެސް ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގައި ގަވާއިދާ ޚިލާފަށް އުފައްދާ ބަނގުރާ ބޮއެގެން މީހުން މަރުވާ ހާދިސާތައް އާންމުކޮށް ހިނގައެވެ. މިފަދަ ބަނގުރާގައި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ވިހަ ކެމިކަލެއް ކަމަށްވާ މެތަނޯލް އެކުލެވެއެވެ.
މި އަހަރުގެ މެއި މަހު މަހަރާޝްތުރާގެ ޕޫނޭ އާއި ޕިމްޕްރީ-ޗިންޗްވާޑްގައި މެތަނޯލް އެކުލެވޭ ބަނގުރާ ބޮއެގެން މަދުވެގެން 15 މީހަކު މަރުވެފައިވާއިރު، އޮގަސްޓް މަހު ގުޖުރާތުގެ ބާވްނަގަރު ޑިސްޓްރިކްޓްގައި ވެސް 13 މީހަކު މަރުވެ، 60 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީފައިވެއެވެ.






