Saturday, November 21
ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ތިން އަހަރު ތެރޭ ނިންމާލެވިއްޖެ: އެޗްޑީސީ

ފާއިތުވި ތިން އަހަރު ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބަކީ ނުނިމި ދިގުލައިގެން ގޮސްފައި ހުރި ގިނަ މަޝްރޫޢުތަކެއް ނިންމާލެވުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު ކުރިން ފަށާފައި ހުރި ގިނަ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ނުގޮސް، އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ކަމަށެވެ.

އެގޮތުން، ހުޅުމާލޭގައި އެސްޓީއޯއިން ތަރައްޤީކުރަން ފަށައި 18 އަހަރު ވަރަކަށް މަޑުޖެހިފައި އޮތް ގްރޭންޑް ހޮޓަލުގެ މަސައްކަތް މެންހެޓަން ކުންފުންޏާ ހަވާލުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ހޮޓާ ހުޅުވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ފްލެޓް މަޝްރޫޢު ނިންމައި، 400 އަށް ވުރެ ގިނަ މުވައްޒަފުންނާ ފްލެޓްތައް ވަނީ ހަވާލުކޮށްފައެވެ.

ޖައުސާ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަން ފެށި "ދަ ގާޑެންސް" ހައުސިން މަޝްރޫޢު ހުއްޓިފައި އޮތުމަށްފަހު، އެޗްޑީސީން އެ މަޝްރޫޢާ ހަވާލުވެ މަސައްކަތް ނިންމައި، އެޕާޓްމަންޓް ގަތް މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެތަންތަނަށް ވަދެވޭނެ މަގު ފަހިކޮށްދެވިފައިވާ ކަމަށާއި، ގިނަ އަހަރުތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކުގެ މަސައްކަތްވެސް އަލުން ފަށައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް ޒުހައިރު ވިދާޅުވިއެވެ.

އެ ޕާކުގެ މަސައްކަތް 18 މަސް ވަރަކަށް ތެރޭގައި ނިންމައި، އާންމުންގެ ބޭނުމަށް ހުޅުވާލެވޭނެ ކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

"އެހެންވީމާ ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރެވުނީ. ވަރަށް ގިނަ ދުވަސްވެފައި ހުރި މަސައްކަތްތަކެއް އަނބުރާ އަޅުގަނޑުމެން އިއާދަކޮށް ނިންމައިލީ،" ޒުހައިރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު