Saturday, November 21
މެރިކަލްޗަރ ތަރައްޤީކުރުމަށް 13 ސަރަހައްދެއް ކަނޑައަޅައިފި

މެރިކަލްޗަރގެ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކޮށް ފުޅާކުރުމަށް، މިހާތަނަށް 13 ސަރަހައްދެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސަރަހައްދުތަކުގެ ތެރޭގައި ތ. އަތޮޅުން 2 ސަރަހައްދާއި، މ. އަތޮޅުން 3 ސަރަހައްދު، ފ. އަތޮޅުން 2 ސަރަހައްދު، ދ. އަތޮޅުން 2 ސަރަހައްދު އަދި ގއ. އަތޮޅުން 1 ސަރަހައްދު ހިމެނެއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް މި މަސައްކަތަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު، ސަރުކާރުން މިހާރު ދަނީ މި ސަރަހައްދުތައް މެދުވެރިކޮށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަލަށް މެރިކަލްޗަރގެ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ވަސީލަތްތައް ހޯދައިދިނުމާއި މާލީ އެހީތެރިކަމުގެ އިތުރުން، ޚާއްޞަ ލުއިތަކާއެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި "އެސްއެމްއީ ޑިޖިޓަލް" އާއި ވުޒާރާ ގުޅިގެން ހިންގާ މެރިކަލްޗަރ ސްކީމް ހިމެނެއެވެ.

މި ދާއިރާއިން ދިވެހިން ބިނާކުރުމަށް ހިންގަމުންދާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން އަހަރަކު 2 ފަހަރުން 4 ފަހަރަށް ވަނީ އިތުރުކޮށްފައެވެ. މިއަހަރު 4 ކޯސް ނިންމާލުމާއެކު، މިހާތަނަށް ޖުމްލަ 8 ކޯހެއް ހިންގައި 102 ފަރާތަކުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.

މެރިކަލްޗަރގެ ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި، 2025 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިން މި ދާއިރާއަށް އަހުލުވެރިކޮށް، މެރިކަލްޗަރގެ ދާއިރާއިން ޤައުމުގެ އިޤްތިޞާދަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު