Saturday, November 21
ޕީއެސްއައިޕީއަށް ކުރި ޚަރަދު 5.3 ބިލިއަން ރުފިޔާއަށް އަރައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވަނީ ސަރުކާރުގެ ޚަރަދުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ޚަރަދުގެ ތަފްސީލު ހާމަކޮށްފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ.

ދާއިރާތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެ ދާއިރާއިން 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ.

ބޯހިޔާވަހިކަމުގެ ދާއިރާގެ މަޝްރޫޢުތަކަށް 717 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ޚަރަދުކުރީ 600 މިލިއަން ރުފިޔާއެވެ. ޞިއްޙީ ދާއިރާއަށް މި މުއްދަތުގައި 359 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ޚަރަދުކޮށްފައިވަނީ 329 މިލިއަން ރުފިޔާއެވެ.

ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ މިއަހަރުން ފެށިގެން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން، އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމުކޮށް، އެ ފަންޑުގެ އެހީގައި ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު