Friday, November 20
ރާއްޖެއާ ބަރުލަމާނީ ގުޅުން ބަދަހިކުރަން ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ގޮވާލައްވައިފި

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ބަރުލަމާނީ ގުޅުން ބަދަހިކުރުމަށް، ދެ ޤައުމުގެ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕްތައް އުފައްދައި، މެންބަރުންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދޭން ބަންގްލަދޭޝްގެ ޖާތިޔާ ސަންގްސަދުގެ ރައީސް ޙާފިޡުއްދީން އަޙްމަދު ގޮވާލައްވައިފިއެވެ.

ޙާފިޡުއްދީން މިހެން ވިދާޅުވީ، ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝިއުނީން ރަޝީދާއެކު، ޖާތިޔާ ސަންގްސަދު ބަވަނުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޙާފިޡުއްދީން ވަނީ ދެ ޤައުމާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތަކާއި، ސަގާފީ އަގުތަކާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫޙުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އިތުރަށް ގާތްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބަށްފަހު އެކުލަވާލި ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވި ކަމެއް ކަމަށްވެސް ޙާފިޡުއްދީން ފާހަގަކުރެއްވިއެވެ. އަދި ފްރެންޑްޝިޕް ގްރޫޕްތައް އުފައްދައި، ބަރުލަމާނީ ވަފުދުތަކުގެ ޒިޔާރަތްތައް އިތުރުކުރުމުން، އެއްބާރުލުން އިތުރުކުރުމަށް އާ މަގުތައް ހުޅުވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައިކޮމިޝަނަރު ޝިއުނީން ވިދާޅުވީ، ދެ ޤައުމުގެ މެދުގައި އެއްގޮތް ސަގާފީ އަގުތަކެއް އޮތުމުން، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ދިވެހި މުޖުތަމައުއަށް ފަސޭހަކަމާއެކު ހޭނިފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުޅިވަރާއި ސަގާފީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަން ތަރައްޤީކުރުމާއި، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ބަންގްލަދޭޝްގެ މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާއެއް ބައްލަވާލެއްވުމަށް ހައިކޮމިޝަނަރަށް ޙާފިޡުއްދީން ވަނީ ދައުވަތު އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު