ޝައިޚް ޢިމްރާން ޢަބްދުﷲ އަދާލަތު ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން، ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންތަކެއް ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒިނާހު ވިދާޅުވެއްޖެއެވެ.
ޒިނާހު މިހެން ވިދާޅުވީ، ޕާޓީގެ މިހާރުގެ ލީޑަރޝިޕަށް ފާޑުކިޔަމުންދާ ބޭފުޅުންނަށް ރައްދުދެއްވަމުންނެވެ.
ޝައިޚް ޢިމްރާން ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް، ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ މުއައްސިސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް ޒިނާހު ވިދާޅުވިއެވެ.
އޭރުގެ ލީޑަރޝިޕުން ނިންމި ނިންމުންތަކުގެ ސަބަބުން ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވި ޢިލްމުވެރިންގެ ތެރޭގައި ޝައިޚް މުޙައްމަދު ދީދީ، ޝައިޚް މުޙައްމަދު ލަޠީފް، ޑރ. ޝަހީމް، ޝައިޚް ޢިއްޒުއްދީން، ޝައިޚް ޢަލީ ރިޟާ، ޝައިޚް ރުޝްދީ، ޝައިޚް ޙުސައިން ފަހުމީ، ޝައިޚް ރަޒީން އަދި ޝައިޚް ނަސީމް ފަތުހީ ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަމްޢިއްޔަތުއް ސަލަފްގެ ޢިލްމުވެރިން ޕާޓީއާ ވަރަށް ގާތުން މަސައްކަތްކުރައްވަމުން އައިސް ދުރަށް ޖެހިވަޑައިގަތީވެސް، އޭރުގެ ލީޑަރޝިޕުން ކަންކަން ކުރަމުން ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށް ޒިނާހު ވިދާޅުވިއެވެ.
ނަމަވެސް، މިއަދު އަދާލަތު ޕާޓީގެ އާ ލީޑަރޝިޕަށް ރާއްޖޭގެ ޢިލްމުވެރިން އިތުބާރުކުރައްވާކަމީ ފެންނަން އޮތް ޙަޤީޤަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ވަނީ ސަރުކާރާ ގުޅި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރަން ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.






