ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުނި ޖަމާކޮށްފައި ހުރި ސަރަހައްދެއްގައި ރޯވި އަލިފާނުގެ ދުން ދެވަނަ ފިޔަވަހީގެ ސަރަހައްދުތަކަށް ބޯކޮށް ފެތުރެމުންދާތީ، ދުމުގެ އަސަރު ފޯރާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމަކަށް ނޫނީ ނުނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ.
އަލިފާން ރޯވީ ހުޅުމާލޭގައި ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައެވެ. އަލިފާން ނިއްވުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ ހަރަކާތްތެރިވެފައެވެ.
ދުމުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވަނީ ގިނަ ބަޔަކު ދިރިއުޅޭ ހިޔާ އަވަށާއި އޭގެ ކައިރި ސަރަހައްދުތަކަށެވެ.
އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކުގައި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އަނގައާއި ނޭފަތް ނިވާވާނޭހެން މާސްކެއް އެޅުމަށާއި، ގޭތެރެއަށް ދުން ނުވަދެވޭނެހެން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އެދިފައެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ނޭދެވޭ އަސަރު ބޮޑުވުމުގެ ފުރުޞަތު އޮތުމުން، އެފަދަ މީހުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ދުމުގެ ސަބަބުން ނޭވާ ކުރުވުން، ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހެއެވެ.
ފުލުހުން ބުނެފައިވަނީ، މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.






