Friday, November 20
ކުދިންނަށް އަނިޔާކުރި މައްސަލައިގައި އިންޑޮނޭޝިއާގެ ޑޭކެއާ ސެންޓަރެއްގެ ކުރީގެ ޕްރިންސިޕަލް ފަސް އަހަރަށް ޖަލަށް

އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގައި ހުއްދައެއް ނެތި ހިންގި ޑޭކެއާ ސެންޓަރެއްގައި ކުޑަކުދިންނަށް އަނިޔާކޮށް އިހުމާލުވި މައްސަލައިގައި، އެ ސެންޓަރުގެ ކުރީގެ ޕްރިންސިޕަލް އަނީތާ ޕަލޫޕީ އިންދަހްސާރީ ފަސް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ލިޓްލް އަރޭޝާ ނަމުގައި ހިންގި މި ސެންޓަރުގެ މައްސަލާގައި ބުރާސްފަތި ދުވަހު ހުކުމް އިއްވި ޔޮގްޔަކާޓާގެ ފަނޑިޔާރު ސުނަރްޔަންތޯ ކަނޑައަޅުއްވާފައިވަނީ، ކުޑަކުދިންނަށް ތަކުރާރުކޮށް އަނިޔާކުރުމަށް އަނީތާ ފުރުސަތު ދީފައިވާ ކަމަށެވެ.

ޖަލު ހުކުމުގެ އިތުރުން، 510 މިލިއަން ރުޕިއާ (27،900 ޑޮލަރު) އިން އަނީތާ ޖޫރިމަނާކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ޖޫރިމަނާ ނުދައްކައިފިނަމަ، އޭނާގެ މުދާ ނަގައި ނީލަމުގައި ވިއްކާނެ ކަމަށް ވެސް ފަނޑިޔާރު އެންގެވިއެވެ.

ނަމަވެސް، ޕްރޮސިކިއުޓަރުން އެދިފައިވަނީ 10 އަހަރުގެ ޖަލު ހުކުމަކަށް ކަމުން، ފަސް އަހަރުގެ ހުކުމަކީ ކުދިންނަށް ލިބުނު ގެއްލުމާ އެކަށީގެންވާ އަދަބެއް ނޫން ކަމަށް އަނިޔާ ލިބުނު ބައެއް ކުދިންގެ އާއިލާތަކުން ދެކެއެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ހާޒިރުވި ބެލެނިވެރިއެއް ކަމަށްވާ ޓްރީ ސުސިލަވަތީ ވަނީ، ހުކުމް އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރުންގެ ކިބައިން އެދިފައެވެ.

މި މައްސަލާގައި އެ ސެންޓަރުގެ 11 މުވައްޒަފަކަށް ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ވެސް ވަނީ އިއްވާފައެވެ. އެ މުވައްޒަފުންގެ ތެރެއިން ކޮންމެ މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ޕްރޮސިކިއުޓަރުން އެދިފައިވެއެވެ.

އަދި ސެންޓަރު ހިންގާ ލިޓްލް އަރޭޝާ ފައުންޑޭޝަންގެ ޗެއާޕާސަން ދިޔާ ކުސުމަސްތޫތީގެ މައްޗަށް އަދި ހުކުމް އިއްވާފައި ނުވާއިރު، އޭނާ 10 އަހަރަށް ޖަލަށްލައި 900 މިލިއަން ރުޕިއާއިން ޖޫރިމަނާކުރުމަށް ޕްރޮސިކިއުޓަރުން ވަނީ އެދިފައެވެ.

ކުރީގެ މުވައްޒަފަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މި އަހަރުގެ އޭޕްރީލް މަހު ފުލުހުން އެ ސެންޓަރު ބަލައި ފާސްކުރިއިރު، ތުއްތު ކުދިންގެ އަތާއި ފައި ބަނދެފައި ތިއްބާ ފެނިފައިވެއެވެ. އަދި ކުދިކުދި ކޮޓަރިތަކަށް ގިނަ ކުދިން ވައްދާފައި ތިއްބާ ވެސް ފެނިފައިވާއިރު، ސެންޓަރުގައި ތިބި 103 ކުދިންގެ ތެރެއިން 53 ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ލަފާކުރެއެވެ. ފުލުހުން ބަލައި ފާސްކުރުމަށް ފަހު އެ ސެންޓަރު ވަނީ ބަންދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު